މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 27

މަޑުން ބުނިކަމުގައިވިޔަސް ނީނާއަށް އާޒިމްގެ އެ ބަސްކޮޅު އަޑު އިވުނެވެ. " އެއްޗެކޭ ނޫން!" މިހެން ބުނެފައި އާޒިމް އެދިޔަ ބާރުމިނުގައި ދިޔަގޮތައްގޮސް ފާޚާނާއަށް ވަދެ ބާރަކަށް ދޮރު ލެއްޕިއެވެ. ބެލްކަނީ ކައިރީގައި ހުރި ނީނާ ދަތް ކުނޑި ވިކާލާފައި ދެފަރަރާތު އުނަގަނޑުގައި ދެއަތުން ހިފައްހައްޓާލުމަށްފަހު ހިތްހަމަނުޖެހިފައި ހުރެ ފާހާނައިގެ ދޮރާއި ދިމާލަށް އިނގިލި ދިއްކޮށްފައި އެއްޗެއް ބުނަން އުޅުނުތަނާހެން އާޒިމް ދޮރު ހުޅުވާލާފައި ނުކުތެވެ. ނީނާ އެގޮތައް ހުއްޓައި ފެނުމުން އާޒިމް ދެލޯ ބޮޑުކޮށްލިއެވެ. އާޒިމް ބަލައިލިގޮތުން ނީނާއަށް ހީވީ ބިރެއް ފެނުނު ހެންނެވެ. ވަގުތުން އިނގިލި ތިރިކޮށްލާފައި، ނިޔަފަތީގައި ދަތްއަޅާލެވުނީ ލިބުނު ހާސްކަމެއްގެ ބޮޑު ކަމުންނެވެ.

" މޮޔަ އަންހެންކުއްޖާ" ދެ ފަރާތަކަށް ބޯހޫރާލާފައި އާޒިމް މިހެން ބުނެލިއެވެ.
 
އަދި ތުވާލި ސޯފާ މައްޗައް އެއްލާލުމަށްފަހު އެނދުގެ އެއް އަރިމަތީގައި އޮށޯވެލީ ނީނާ އެގޮތައް ހުއްޓައެވެ. ނީނާ ނިދިޔަސް ނުނިދިޔަސް ތިމަންނައަށް ކޮންކަމެއްހޭ ބުނާފަދަ ގޮތަކަށެވެ. ރަޖާގަނޑު ގައިމަތީގައި އަޅާލުމަށްފަހު ދެލޯ މަރައިލިއެވެ. އޭރުވެސް ތުން ފިއްތާލައިގެން ނީނާ ހުރީއެވެ.
 "އަމިއްލަ އެދުންވެސް ބޮޑު އިންސާނެއް.." ނީނާގެ ހިތާ ހިތާ ކިޔައިލިއެވެ. އަދި މަޑުމަޑުން އާޒިމްގެ ކައިރިއަށް ޖެހިލާފައި ގުދުވެލިއެވެ. އޭރުވެސް އާޒިމް އޮތީ ދެލޯ މަރައިގެން ނިދާކަމަށް ހެދިގެންނެވެ.
 
 " ބަލާބަލަ އޮންނަލެއް މައުސޫމުކަން، ހީވަނީ މީ ރަސްގެފާނެއްހެން" އާޒިމާއި ދިމާލަށް ގުދުވެލާފައި ދަތްކުނޑިވިކާލާފައި މިހެން ބުނީ ލާނަތް ގޮތަކަށް ހެވިފައި ހުރެއެވެ.
"އަނގަމައިތިރި ކޮށްފަ ނިދަން އޮށޯވެބަލަ" ބޯދަށުގައި އޮތް ބާލީސް ނަގާ މޫނުމަތީގައި އެޅަމުން އާޒިމް ބުނެލިއެވެ. 
 
އެވަގުތު ނީނާ ދިޔައީ ސިއްސައިގެންނެވެ. ކުޑަ ކުއްޖަކު ފަދައިން އަވަހަށް ގޮސް އާޒިމް އޮތް ފަރާތް ނޫން އަނެއް ފަރާތުގައި އޮށޯވެލީ އާޒިމާއި ދިމާލަށް ތުން އަނބުރާލުމަށްފަހުގައެވެ. އަދި " ރަސްގެފާނު" މިހެން ބުނުމަށްފަހު ދެލޯ މަރައިލިއެވެ. ދެމީހުން އެކަކު އަނެކަކަށް ހިތްހަމަނުޖެހުމުގެ ބަސްތަކެއް ބުނިކަމުގައި ވިޔަސް އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވެއެވެ. އެލޯބީގެ ފަރުދާއަކަށްވީ އާޒިމްގެ ހިތުގައި އުފެދިފައިވާ ޝައްކުތަކަކާއި، ނީނާގެ މާޖްބޫރީ ހާލަތެވެ.
 
އާދުވަހަކަށް އިރު އަރައިގެން އައި އިރު ނީނާއާއި ފާތުން އުޅުނީ ބަދިގޭގައި ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށެވެ. އޭރު ގަޑިން ހެނދުނު ހަތެއް ޖަހަނީއެވެ. ޒައިނަބާއި ޚަރީރާ ވީ ހެނދުނުގެ ކަސްރަތައް ބޭރަށް ގޮހެވެ.  ފާތުންނާއި ނީނާއަށް އެހީވުމަށް ގޭގެ ބައެއް ނޯކަރުން ކައިރީގައި އަތްގާތްކޮށްލައިދޭން އުޅުނެވެ. 
" އަހަރެން އެބަ އަންނަން އިއްބެއަށް ގޮވާފައި" ނީނާގެ ކޮނޑުގައި އަތް ބާއްވާލާފައި ފާތުން މިހެން ބުނެލީ ހިނިތުންވުމަކާ އެކުއެވެ. ހީލާފައި ނީނާ ބޯޖަހާލިއެވެ.   "ނީނާ ދައްތާ" ވަރަށް އަދަބުވެރިކަމާއެކު ޖާވިދު އައިސް ނީނާއަށް ގޮވާލިއެވެ. އޭރު ޖާވިދު އަތުގައި ކޮފީ ތައްޓެއް އިނެވެ. " ކޮންމެ ދުވަހަކު އާޒިމްބެ ބޭނުންވާނެ ހެނދުނު ހޭލާތަނުން ކޮފީ ތައްޓެއް،"  ހީލާފައި މަޑުމައިތިރިކަމާއެކީ ޖާވިދު ބުނެލިއެވެ. ޖާވިދު އެބުނިގޮތުން އެ ކޮފީތަށި ގެންގޮސް އާޒިމަށް ދޭށޭ ބުނާކަހަލަ މާނައެއް ނީނާއަށް ދޭހަވިއެވެ. ހީލާފައި ކޮފީތަށީގައި ނީނާ ހިފިއެވެ. އަދި ސިޑިއާ ދިމާލަށް ހިނގައިގަތެވެ. ކޮފީތަށި ހިފައިގެން ދިޔަ މަގުމަތީގައި ނީނާގެ ހިތައް ބައިވަރު އެއްޗެހިތައް އަރަމުން ދިޔައެވެ. އާޒިމްގެ އަންބެއްގެ ގޮތުގައި ހުރެ އާޒިމަށް މިފަދަ ގޮތަކަށް ޚިދުމަތްކުރުމަކީ ނީނާއަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. ފަހަރެއްގައި މިގޮތަށް ޚިދުމަތް ކުރުމަކީ އާޒިމް ހިތްހަމަޖެހޭ ކަމަކަށް ނުވެދާނެތީއެވެ. ކޮފީތަށި ހިފައިންގޮސް ކޮޓަރީގެ ދޮރު ހުޅުވާލާފައި ކޮފީތަށި ހިފައިގެން ގޮސް އެނދުގެ މަގަތުގައި ހުރި ކުޑަ މޭޒުމަތީގައި ކޮފީތަށި ބެހެއްޓިއެވެ. އެވަގުތު އާޒިމް ފޯނު އެލާރމް ވާ އަޑު އިވެން ފެށިއެވެ. އެނދުމަތީގައި އޮތް އާޒިމް ދެލޯ ހުޅުވާލިއެވެ. އޭރު ނީނާ ހުރީ އާޒިމާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ނީނާ ބަލަން ހުރި ގޮތުން އާޒިމް ދެލޯ ބޮޑު ކޮށްލާފައި ބުނެލިއެވެ. 
" ކިހިނެއްވީ،،، ފާޑަކަށް ތި ބަލަނީ ކީއްވެގެން"  އާޒިމް މިހެން ބުނެލީ ތަންކޮޅެއް ހަރުކަށި ގޮތަކަށެވެ. 
" ކިހިނެއްވީ...ބަލައިލުމަކީ ލާރި ދައްކަން ޖެހޭ ކަމެއްތަ؟" މިހެން ބުނެފައި ނީނާ ކޮޓަރީން ނުކުމެގެން ހިނގައިގަތީއެވެ. އެވަގުތު ބުނާނެ އެއްޗެއް ނޭންގިފައި އާޒިމް ނިތް އަރުވާލިއެވެ. " މޮޔަ ކުއްޖާ" 
 
ކޮޓަރީން ނުކުމެގެން ނީނާ ހިނގައިގަތީ ކުދި ކިޔަމުންނެވެ. " ހީވަނީ މާރީތި މީހެއްހެން، " ތުން އަނބުރާލާފައި ނީނާ ސިޑިއާއި ދިމާލަށް ހިނގައިގަންނަން އުޅުނުތަނާހެން މީހަކު އޭނާގެ އަތުގައި ހިފައިގަންފައި ކުއްލިއަކަށް ދަމައިގަތެވެ. އަދި ކައިރީގައި ހުރި ކޮޓަރިއަށް ވައްދާފައި ދޮރު ލެއްޕިއެވެ. އެވަގުތު  ނީނާ ސިއްސައިގެންގޮސް ބަލައިލިއިރު ޒާހިރު ހުރީ އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ. " ޒާހިރު" މީހަކަށް އަޑު އިވިދާނެތީ ސިއްރުން ނީނާ މިހެން ކިޔާލީ ރުޅި އައިސްފައި ހުރެއެވެ. ޒާހިރު ހުރީ ނީނާގެ ކޮނޑުގައި ބާރަކަށް ހިފަހައްޓާލައިގެންނެވެ. ޒާހިރުގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމާއި ނަފްރަތެވެ. " ޒާހިރު ކިހިނެއް ވެގެންތަ ތިއުޅެނީ" ތުރު އަޅައިގަންނަ އަޑަކުން ނީނާއަށް ހަޅޭލަވައި ގަނެވުނެވެ. އޭރު އޭނާގެ ކޮނޑުގައި ހިފަހައްޓައިގެން ޒާހިރު ހުރިލެއް ބާރުކަމުން ނީނާއަށް ވަރަށް ތަދުވިއެވެ.  ގަދަކަމުން ޒާހިރުގެ އަތް ނައްޓުވާލަން އުޅޭ ވަރަކަށް އޭނާއަށް އަޅާ ވޭން މާ ބޮޑެވެ. 
 
" ކަލޭގެ ތީ ހާދަ ގޮތެއް ނެތް މީހެކޭ، ތި ހީކުރީ އާޒިމާއި އިނދެގެން އައިސް މިގޭ މީހުންގެ ލޯބި ލިބޭނެކަމަށްތަ؟ ކަލޭގެ ހަގީގަތް އަހަރެން ފަޅާ އަރުވާލާނަން... ބަލަން ހުންނައްޗޭ.........." ރުޅި އައިސްގެ ދަތްކުނޑި ވިކާލާފައި ހުރެ ޒާހިރު މިހެން ބުނެފައި ނީނާގެ އަތް ނައްޓުވާލާފައި ދުރަށް ކޮށްޕާލާފައި ނުކުމެގެން ހިނގައްޖެއެވެ.  ކައިރީގައި ހުރި މޭޒުގެ ކަނުގައި ނީނާގެ މޫނުގޮސް ޖެހުނެވެ. އަތައް އަޅަމުންދިޔަ ވޭނާއި އޭނާގެ މޫނަށްވީތަދުން ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. އެވަގުތު ސިޑިން އަރައިގެން އައި ފާތުން އޭނާއަށް ގޮވަމުން އަންނަ އަޑު އިވުނެވެ. މޫނުމަތީގައި އަތް އަޅައިގެން އިން  ނީނާ އަވަސް އަވަހަށް ތެދުވެ ދެލޯ ފުހެލިއެވެ. އަތަށް އަޅަމުންދާ ވޭން ފޮރުވުނު ނަމަވެސް އޭނާގެ ރަތްވެފައިވާ މޫނު ފޮރުވާނެ ގޮތެއް ނުވިސްނުނެވެ. ފާހާނާއަށްވަދެ ފެންފޮދަކުން މޫނު އެތައް ފަހަރަކު ދޮންނަންވެސް ދޮވެފިއެވެ. ނަމަވެސް ޖަންބު ކުލަ އަރާފައިވާ މޫނު މަތީގައި ހުރި ރަތް ލައްގަނޑު ފިލާ ގޮތެއް ނުވިއެވެ. ކޮޓަރި ތެރޭގައި ހުރި ކަބަޑުތައް ހާވަން ފެށީ މަލަންކޮޅެއް ކަހަލަ އެއްޗެއް ފެނޭތޯއެވެ.  ނަސީބު ދިމާކުރި ގޮތުން ރިތިވާ މޭޒުގެ ވަތްގަނޑު ހުޅުވިއިރު އެތާ އޮތް ބޭސް މަލަންކޮޅު ނަގާ މޫނުމަތީގައި އަޅާލިއެވެ. އަދި ކޮޓަރީގެ ދޮރު ހުޅުވާލާފައި  ފެންޑާގެ ދެކޮޅު ހޯދާލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ދުވެފައި އޭނާގެ ކޮޓަރިއާއި ދިމާލަށް ދުވެފައި ދިޔައެވެ. 
 
ކޮޓަރީގެ ދޮރު ހުޅުވާލާފައި ދެމިގަތް ވަގުތު އާޒިމްގެ ގައިގައި ނީނާ ލައްގަތެވެ. އެވަގުތު ވެއްޓެން ދިޔަ ނީނާގެ އަތުގައި އާޒިމަށްއ ހިފަހައްޓާލެވުނެވެ. އެވަގުތު " އައްދޯތް" ކިޔާފައި ނީނާއަށް ހަޅޭލަވައިގަނެވުނެވެ. އެއް އަތުން އޭނާގެ ތަދުވަމުން ދިޔަ އަތުގައި ނީނާ ހިފައްހައްޓައިލިއެވެ. ކިހިނެއްވީތޯ އާޒިމަށް ބޭ އިޚްތިޔާރުގައި އަހައިލެވުނެވެ. ހެނދުނު ހެނދުނާ އެހާ ރަނގަޅު މޫޑެއްގައި ހުރި ނީނާއަށް އަނިޔާއެއް ލިބުނީ ކޮންއިރަކު ކަމާމެދު އާޒިމަށް ހިތާއި ހިތާ ސުވާލުކުރެވުނެވެ. މިވީ ތިރީހަކަށް މިނެޓުގައި ނީނާއަށް ތަދުވާވަރު ކަމެއްވި ކޮންއިރަކު ކަމާމެދު އާޒިމަށް ވިސްނާލެވުނެވެ. އަތުގައި ހިފަހައްޓައިލައިގެން ހުރި ނީނާ އޭނާ އަޅައިގެން ހުރި ނޫކުލައިގެ  ބުރުގާ ރީތިކޮށްލި ވަގުތު އޭނާގެ މޫނުގައި އަޅާފައިވާ ބޭސް މަލަންގަނޑު އާޒިމަށް ފެނުނެވެ.
 
 " ނީނާ" މަޑުމައިތިރި ކަމާ ހާސްކަމާއެކު އާޒިމަށް ގޮވައިލެވުނެވެ. " މޫނަށް ކިހިނެއްވެފަ؟" ނީނާދެކެ އޭނާ ކިތަންމެ ރުޅި އައިކަމުގައިވިޔަސް، ނީނާއަށް ވެފައިވާގޮތުން ކޮންމެވެސް ވަރަކަށް އޭނާގެ ހިތުގައި ރޯވެފައިވާ ނަފްރަތުގެ ރުޅިގަނޑު މަޑުވިއެވެ. 
އާޒިމަށް ނީނާގެ މޫނުގައިވާ މަލަންގަނޑު ފެނުނުކަން ނީނާއަށް ރޭކާލީ ދެނެވެ. އޭނާއަށް އެވަރު ކޮށްލީ ޒާހިރުއޭ ބުނެފިނަމަ އާޒިމް އިތުރަށް ރުޅި އަންނާއި އޭނާދެކެ ކަން ނީނާއަށް ވިސްނުނެވެ. ދޭނެ ޖަވާބެއްނެތި ނީނާ ބަސްހުއްޓުނެވެ. ދައްކާނެ ބަހަނާއެއް ސިނކުޑިއަކަށް ނައެވެ. އަނެއްކާވެސް އާޒިމް ސުވާލުކޮށްލިއެވެ. ނީނާގެ އަތުގައި ހިފާލާފައި އޭނާއާއި ވީ ދިމާލަށް އަނބުރައިލިއެވެ. އެވަގުތު ނީނާގެ މޫނުމަތީން އޭނާގެ އަތައް އަޅަމުންދާ ވޭން އާޒިމަށް އިހުސާސް ކުރެވުނެވެ. ނީނާ ލައިގެން ހުރި ދޫ ހެނދުމުގެ އަތް ހިއްލާލާފައި އާޒިމް ބަލާލަން އުޅެނިކޮށް ނީނާ އެކަން މަނާކުރިއެވެ. ނަމަވެސް އާޒިމް ބޭނުންވީ ވެފައި ހުރި ގޮތެއް ބަލާށެވެ. ހެނދުމުގެ އަތުކުރީގައި ހިފާ ހިތްލައިލިއިރު ނީނާގެ ދޮން އަތްވަނީ ރަތްވެ ނޫފައިގެންފައެވެ. އޭނާގެ އަތުގައި މީހަކު ހިފާހައްޓާފައިވާކަމުގެ ނިޝާން ފެންނާން ހުއްޓެވެ. އާޒިމްގެ ދެލޯ ބޮޑުވިއެވެ. އަދި ދެލޯ މަރާ ބާރުކޮށްގެން ހުރި ނީނާގެ މޫނާއި ދިމާލަށް ބަލައިލިއެވެ. 
 
އާޒިމްގެ ހިތައް މީހަކު ފިނިފެން އެއްޗެއް އޮއްސާލިފަދަ ގޮތަކަށް އޭނާގެ ހިތް ނީނާއަށްޓަކައި މަޑުވެގެން ދިޔައެވެ. މި މަންޒަރުވީ އޭނާގެ ހިތައް ވަރަށް އުނދަގޫވި ކަމަކަށެވެ. އެއީ ނީނާއަކީ ހަމައެކަނި އޭނާގެ އަނބިމީހާވީމާއެއް ނޫނެކެވެ. އެއީ އޭނާގެ ހަޔާތުގައި އޭނާ އެންމެ ލޯބިވާ އަންހެންކުއްޖާވީމައެވެ. 
 
ނީނާއަށް ގޮވަމުން ފާތުންއައިސް އެ ކޮޓަރީގެ ދޮރު ހުޅުވާލީ އާޒިމް އޮފީހަށް ދިޔަކަމަށް ހީކޮށެވެ. ފާތުން ދޮރު ހުޅުވާލުމާއެކު ނީނާ އަނެއް ފަރާތައް މޫނު އަނބުރާލީ އޭނާއަށް ލިބިފައިވާ ޒަޚަމު ފޮރުވުމަށްޓަކައެވެ. ދޮރު ހުޅުވާލިއިރު އާޒިމް ހުރިތަން ފެނުމުން ފާތުން ބުނެލިއެވެ. " ނީނާ ސައިބޯން ނައިސްގެން " މަޑުމަޑުން ފާތުން ބުނެލީ ކުޑަކޮށް ޖެހިލުންވެފައި ހުރެއެވެ. " ނީނާ އެބަދޭ" ހިނިތުން ވެލާފައި އާޒިމް މިހެން ބުނެލުމުން، ހީލާފައި ފާތުން ދޮރު ލައްޕާލިއެވެ.
 
ނީނާއަށް ވީ ގޮތް އޮޅުން ފިލުވަން އާޒިމް ހުރީ ކެތްމަދުވެފައެވެ. ނީނާގެ ކޮނޑުގައި ހިފައްހައްޓާލާފައި އެނދުގައި ބޭންދިއެވެ. އާޒިމްގެ އަޅާލުމާއި އޯގާތެރިކަން މީގެ ކުރިންވެސް ނީނާ ވަނީ ތަޖުރިބާ ކޮށްފައެވެ. ނަމަވެސް މިފަހަރު އާޒިމްގެ އަޅާލުމާއި އޯގާތެރިކަމުން ނީނާއަށް އުނދަގޫ ވިއެވެ. އާޒިމް އޭނާއާއި ދިމާލަށް ކިޔާފައިވާ އެއްޗެހި ހިތައް އަރާތީއެވެ. "ނީނާ" އާޒިމްގެ އެ ގޮވައިލުމުގައިވީ މަޑުމައިތިރި ކަމެވެ. "ބުނެބަލަ، ކިހިނެއްތަވީ! މިއީ ކާކު ކުރިކަމެއް؟" ނީނާގެ މޫނާއި ދިމާލަށް ބަލަހައްޓައިގެން އިނދެ އާޒިމް ސުވާލުކޮށްލިއެވެ. ހުވަފެނީ ގޮތަކަށް ބަލަހައްޓައިގެން އިން ނީނާގެ ދެލޯވަނީ ފެންކަޅިވަފައެވެ. " އާޒިމަށް ކޮންކަމެއްތަ؟ އަހަންނަށް ކޮންމެ ގޮތެއް ވިޔަސް.؟ " ދެލޯ މަރާ ބާރުކޮށްލުމަށްފަހު ނީނާ ބުނެލިއެވެ. " 

ނުނިމޭ

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ