ރުއްތައް ނެގުމުން ހުޅުދުއްފާރުގެ ހާއްސަ ރީތިކަން ގެއްލިއްޖެ
ހުޅުދުއްފާރަކީ ގުދުރަތީ ރީތި ރަށެކެވެ. މީގެ 30 އަހަރުކުރިން މީހުން އާބާދުވި އެ ރަށުގެ އެންމެ ހާއްސަ އެއް ކަމަކީ، ރަށުގެ ބޮޑެތި މަގުތަކުގެ ދެފަޅީގައި އެއްވަރަކަށް ހެދިފައި ހުރި ބޮޑެތި ރުއްތަކެވެ.
ނަމަވެސް، އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން، އެރަށުގެ ބޮޑުތަކުރުފާނު މަގުގެ ދެފަޅީގައި ހުރި ރުއްތައް މިހާރުވަނީ ނަގާފައެވެ. އެ މަޝްރޫއުގެ ދަށުން އެފަދަ ބޮޑެތި ރުއްތައް ހުރި އަމީނީމަގު އަދި މަޖީދީމަގުގައި ހުރި ރުއްތައްވެސް ވަނީ ނަގަން ނިންމާފައެވެ. އެ ރަށު ކައުންސިލުން ބައެއް މީޑިއާތަކަށް ބުނެފައިވަނީ، އެ މަގުތަކުން ޖުމުލަ 300 އެއްހާ ރުއް ނަގަންޖެހޭކަމަށެވެ. އަދި މަގު ހެދެން އަންނަނީ ރުއްތައް ނަގައިގެނެވެ.
ހުޅުދުއްފާރުގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ.
ހުޅުދުއްފާރަކީ މީގެ 30 އަހަރުކުރިން އެ އަތޮޅު އުނގުލާއި ގާއުނޑޫދު ހުސްކޮށް، ސަރުކާރުން މީހުން ބަދަލުކުރި ރަށެވެ. އެ ރަށަށް މީހުން ބަދަލު ކުރުމުގެ ކުރިން އެ ރަށަކީ، އެސްޓީއޯއިން ދަނޑުވެރިކަންކުރަން ބޭނުންކުރި ރަށެކެވެ. އެ މަގުތަކުގައި އިންދާފައި އެވަނީ އެ ސަރުކާރުގެ ކުންފުނިތަކުން އިންދާފައިވާ ރުއްތަކެކެވެ.