މީދޫ ފުޓްބޯޅަ ދަނޑުގައި ޓާފު އަޅަން ފަށައިފި
ރ. މީދޫގައި ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ ފުޓްބޯޅަ ދަނޑުގައި ޓާފު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ހޮނިހިރު ދުވަހު ފަށާފައިވާއިރު މަސައްކަތް ކުރަނީ މައިނާ ސްޕޯޓްސް ފީލްޑް ކިޔާ ކުންފުންޏަކާ ހަވާލު ކޮށްގެނެވެ. އެ ކުންފުނިން ލަފާކުރާ ގޮތުގައި ޓާފު އެޅުމުގެ މަސައްކަތް އެއް މަސްތެރޭ ނިންމާލާނެއެވެ.
ފާހަގަ ކޮށްލެވޭ ގޮތުގައި، ރ. މީދޫ ޓާފް ދަނޑުގެ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫއު ނިމުން މިހާބޮޑުތަން ލަސްވެފައިވަނީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލު ކޮށްގެން ކުރަންފެށި ސަބްބޭސްއާއި ވަށާފާރާއި ފެންސްގެ މަސައްކަތް ނިންމާނުލެވި ގިނަ ދުވަސްތަކެއް ހޭދަވުމުންނެވެ.
އާރްޑީސީން އެ މަސައްކަތާއި ހަވާލުވީ 50 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށްނަމަވެސް، މަސައްކަތް ނިންމުނީ ދޮޅުއަހަރަށްވުރެ ވެސް ގިނަ ދުވަސްވީފަހުންނެވެ.
އެ ދަނޑަކުގެ މަސައްކަތް ލަސްވާތީ، އެ ރަށު ޒުވާނުން އޭރުވަނީ ދަނޑުގައި މިރުސް ގަސް ވެސް އިންދާފައެވެ.