އިނގުރައިދޫ ދާއިރާގެ ޕީއެންސީގެ ޓިކެޓް ބޮޑުތަފާތަކުން ފަލާހް ކާމިޔާބުކޮށްފި
މިއަދު ބޭއްވި ޕީޕީއެމް،ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކޮށް އިނގުރައިދޫ ދާއިރާގެ ޓިކެޓް އިބްރާހީމް ފަލާހް ކާމިޔާބު ކޮށްފިއެވެ.
އިނގުރައިދޫ ދާއިރާގެ ޕްރައިމަރީގައި އިނގުރައިދޫގައި ބެހެއްޓި ފޮށި ނޫން ދެން ބެހެއްޓި ފޮށިތަކުގެ ނަތީޖާ މިހާރުވަނީ ލިބިފައެވެ.
އިނގުރައިދޫ ނުހިމަނާ މިހާތަނަށް ވޯޓު ލިބުނު އަދަދަށް ބަލާއިރު ފަލާހް ވަނީ 770 ވޯޓު ހޯދާފައެވެ. ޙުސައިން އަސްލަމަށް ލިބުނީ 109 ވޯޓެވެ. އަދި ޒުހުރިއްޔާ ޙުސައިންފުޅަށް ލިބިފައިވަނީ 62 ވޯޓެވެ.
އިނގުރައިދޫގައި ބެހެއްޓި ފޮށީގެ ވޯޓު އަދި ގުނާފައި ނުވީނަމަވެސް އެ ފޮއްޓަށް ވޯޓުލާފައިވަނީ 233 މީހުނެވެ.
އެހެންކަމުން ވޯޓުގެ ތަފާތަށް ބަލާއިރު އެ ފޮށީގެ ނަތީޖާ ނުހިމަނާވެސް ފަލާހްއަށް ޓިކެޓް ވަނީ ކަށަވަރު ވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފަލާހަކީ މިދިޔަ ދައުރުގައި އިނގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.