މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 18

ކަރަށް މަޅި މަހައިލި ވަގުތު މީހަކު އައިސް ނީނާ ކޮއްޕާލިއެވެ. ބިންމަތީގައި އޮތް ނީނާ އިސްއުފުލާ ބަލައިލިއިރު އާޒިމް ކުރިމަތީގައި ހުއްޓެވެ. ރުޅި އައިސްގެން ނީނާ ތެދުވިއެވެ. އާޒިމްގެ މޭގައި ދެއަތުން ޖަހާ ކޮއްޕާލިއެވެ. ރުޅި އައިސް ހަލާކުވެފައިވާ މީހާކުފަދައިން އާޒިމާއި ދިމާލަށް ހަޅޭލަވަން ފެށިއެވެ. "ކީއްވެ އަހަރެން ހުއްޓުވީ، އަހަރެން ދުނިޔޭގައި ހުންނާކަށް ބޭނުމެއް ނޫން، އަހަރެންގެ އެކަކުވެސް ނެތް، އެންމެންވެސް ކަންތައް ކުރަނީ އެއްގޮތަކަށް، އަހަންނަކީ މީހުން ބޭނުންހާ ގޮތެއް ހަދަން ހުރި ކުޅޭ އެއްޗެއް ނޫން،" ރޮމުން ނީނާ ވާހަކަދައްކަމުން ދިޔައީ އާޒިމް ކޮއްޕަމުންނެވެ. ކޮއްޕަމުންގޮސް އާޒިމް ފާރުގައި ލައްވިއެވެ. އަދިވެސް ނީނާގެ ރުޅިގަނޑު މައިތިރި ނުވެއެވެ. ނީނާގެ ބަސްތަކުން އާޒިމްގެ ހިތައް ވަރަށް އަސަރު ކޮއްފިއެވެ. އެހެންނަމަވެސް އެއްޗެއް ނުބުނެ އެހުރިފިޔަވަޅުމަތީގައި އާޒިމް ހުރީއެވެ. ނީނަގެ މޫނަށް ބަލަހައްޓައިގެންނެވެ. ނީނާގެ ރުޅިގަނޑު އަދިވެސް ކޮންޓްރޯލް ނުވެއެވެ. ބޮލުގެ ދެފަރާރުގައި ހިފަހައްޓާލައިގެން ހުރިތަނަށް ތިރިވެއްޖެއެވެ.

އިރުކޮޅަކު ހުރުމަށްފަހު އާޒިމް ނުކުމެގެން ދާން ހިނގައިގަންނަން އުޅުނުތަނާހެން ނީނާ އާޒިމަށް ގޮވާލިއެވެ. ދާންވެގެން ނެގި ފިޔަވަޅު އާޒިމް މަޑުޖައްސާލިއެވެ. "އާޒިމް ކީއްވެ؟ ކީއްވެ؟ އަހަރެން ހުއްޓުވީ؟ އަހަރެން މަރުވިޔަ ނުދިނީ ކީއްވެ؟ އާޒިމް މިގައަށް މިވަގުތު ތިއައީ ކީއްކުރަންތަ؟ އަހަރެން މަރުވިޔަސް ދެރަވާނެ މީހަކު ނުހުންނާނެ؟ އަހަރެން މަރުވިއްޔާ އާޒިމަށް ކޮންކަމެއްތަ؟  ރުޅި އައިސް ތުރުތުރު އަޅާ އަޑަކުން ސުވާލުފަތި އަމުނާލިއެވެ. އޭރު ނީނާ ހުރީ އާޒިމް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފަ ހައްޓައިގެންނެވެ. ހުރި ފިޔަވަޅުމަތީގައި ނީނާގެ ސުވާލުތައް އަޑުއަހަން  ހުރި އާޒިމްގެ ހިތައް ހީވީ މީހަކު ތޫނު ކަށިތަކެއް ހަރާލިހެންނެވެ. 

ނީނާގެ ހާލަތު އޭނާއަށްވުރެއް ބޮޑަށް އެނގޭނީ ފަހެ ކާކަށް ހެއްޔެވެ؟ ނީނާދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. ވީއިރު އެފަދަ ބޮޑު އަނިޔާއެއް އެފަކީރަށް ދިނުމުގެ އެއްވެސް މާނައެއް ނެތެވެ. އާޒިމްގެ ހިތައް ކުރަމުންދާ އަސަރުވެސް ވަކި ކުޑައެއް ނޫނެކެވެ. ނީނާ މަރުވެއްޖެނަމަ އޭނާއަށްވުރެއް ބޮޑަށް ދެރަވާނެ މީހަކު ނުހުންނާއެވެ. ނީނާ މަރުވެއްޖެނަމަ އެކަމާ އެންމެ ހިތާމަ ކުރާނީވެސް އާޒިމެވެ. ނީނާގެ ހުރިހާ ސުވާލެއްގެ ޖަވާބު އެވަގުތު ނީނާއަށް ދޭން އާޒިމް ބޭނުންވެއެވެ.  ނަމަވެސް އާޒިމްގެ ހިތައް އަރަމުންދާ ހުރިހާ ކަމެއް ނީނާގެ ކުރިމަތީގައި ހާމަކުރާކަށް ބޭނުމެއް ނުވެއެވެ. އާޒިމް ފިނޑިމީހަކަށް ވާކަށް ބޭނުމެއް ނުވެއެވެ. އާޒިމް ގޮތްދޫކުރާކަށްވެސް ބޭނުމެއް ނޫނެވެ. 

އަދިވެސް ނީނާ ހުރީ އާޒިމާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ދެލޯ ރަތްވެ، އެ ރީތި އެސްފިޔަތައްވަނީ ކަރުނައިން ތެމި ފޯވެފައެވެ. އަޅައިގެންހުރި ބުރުގާގައިވެސް ތަރުތީބެއް ނެތުމުގެ ސަބަބުން ބޮލުގެ ކުރީކޮޅުގައި ހުރި އިސްތަށިތައް ފެންނަން ހުއްޓެވެ. އެގޮތައް ހުރި ކަމުގައިވިޔަސް ނީނާ ވަރަށް ފުރިހަމައެވެ. ވަރަށް ރީއްޗެވެ.

ނީނާގެ އެބަލާލުން ފެނިފައި އާޒިމްގެ ހިތައްވީ ގޮތަކުން ލޯލިތައް ކޮޅަށް ޖެހުނެވެ. ދެމީހުންގެ ދެމެދުގައި ހިމޭންކަމުގެ ސާލެއް ލެވުނެވެ. ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ރަތްވެފައިވާ މޫނުމަތީން ހިތާމަވެރިކަމުގެ އަސަރުތައް ފާޅުވޭވޭ ހުއްޓެވެ.  ހުދުކުލައިގެ ގަނޑުފެންފޮދެއްގެ މަތީގައި އޮތް ކަޅުކުލައިގެ ފުޅިތޮށިކޮޅެއްފަދައިން ވިދާ ކަޅުކަޅީގެ ތެރެއިން ހިތާމައިގެ އަސަރުތައް ފެންނަން ހުއްޓެވެ. އެ ފުން ދެލޮލުން އެހީތެރިކަމުގެ އަތެއް ދިއްކޮށްލާށޭ ބުނާކަހަލައެވެ. ބަސްބުނާހާ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި އާޒިމްގެ މޫނު އަނެއްފަރާތައް އަނބުރާލިއެވެ. ނީނާގެ ހިތާމަވެރި މޫނު ފެނުމުން އާޒިމްގެ ހިތައް އުނދަގޫވަނީއެވެ.  އެ ވަގުތު އެތާހުރެ ހިތުގެ ހުރިހާ އުދާސްތަކެއް ބޭރުކޮށްލަން އާޒިމްގެ ހިތް ގޮވަމުން ދިޔައެވެ. އެހެން ނަމަވެސް އެ އުދާސްތައް ބޭރުކުރަން އާޒިމް ފަސްޖެހެނީއެވެ. 

ޙަޤީގަތުގައި ނީނާގެ ދެކެ އާޒިމް ހިތްހަމަ ނުޖެހެންވީ ސަބަބެއް ނެތެވެ. ނީނާއަށް ބުނެވުނު އެންމެ ޖުމްލައަކުން އާޒިމް އެހާ ރުޅި އަންނަންޖެހޭނެ ހެއްޔެވެ؟ ވީކަމެއްވީ ނީނާއަށްވެސް ނޭންގިއެވެ. ޒާހިރު ނީނާއާއި ކައިރިވީ ނީނަގެ ރުހުމުގައެއް ނޫނެނެ. އެވޭން އޭނާ އެދަނީ އަދިވެސް ތަހައްމަލް ކުރަމުންނެވެ. ވީއިރު އެގޮތަށް ކަންތައް ކޮށްގެން އާޒިމަށް ލިބެނީ ވަކި ކޮން އުފަލެއް ހެއްޔެވެ؟ ހިތާމައިގައި އުޅެނީ އާޒިމް އެކަނި ހެއްޔެވެ؟ އެހެން މީހުންގެ އޮންނަނީ ހިތެއް ނޫންހެއްޔެވެ؟ އާޒިމްގެ މޫނަށް ބަލަހައްޓައިގެން ހުރެ ނީނާގެ ހިތާ ހިތާ ސުވާލުކުރަމުންދިޔައެވެ. 

ނީނާގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އަނެއްކާވެސް އެތަނުންދާން ހިނގައިގަތެވެ. މިފަހަރު ނީނާ، އާޒިމެއް ނުހުއްޓުވައެވެ. އާޒިމް ނުކުމެގެން ދިޔުމުން ކޮޓަރީގެ ދޮރު ލައްޕާލިއެވެ. އަލަމާރީގެ ބުޑަށް ވެއްޓިގަނެ އަޑުން އަޑުނަގާ ނީނާ ރޯން ފެށިއެވެ. އަނެއްކާވެސް އާޒިމް އެދިޔައީ އޭނާގެ ސުވާލުތަކަށް ޖަވާބު ނުދީއެވެ. 

މެންދަމުން އަލިވެ 2 ޖަހަނީ އެވެ. މައިޝާއަށް ހޭލެވުނީ ކަރުހިއްކައިގަނެގެންނެވެ. އެނދުގެ އަނެއް ފަރާތް ބަލާލިއިރު ޒާހިރު ފެންނާކަށް ނެތެވެ. މިއޮތް ދަންވަރު ޒާހިރުދާނީ ކޮންތާކަށްބާއޭ ހިތާ މައިޝާގެ ހިތުގައި ސުވާލު އުފެދުނެވެ. ފޯނު ނަގައި ޒާހިރުގެ ފޯނަށް ގުޅޭތޯ މަސައްކަތް ކޮށްލިއެވެ. ކޮޓަރީގައި ހުރި ކުޑަ ފެންފުޅި ނަގައި ފެންކޯވަރެއް ބޯލުމަށްފަހު އަނެއްކާވެސް ޒާހިރުގެ ފޯނަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބެއެބެ. ހާސްވެފައިވާ މައިޝާ ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލައި ހުއްޓެވެ. ޒާހިރު ފޯނަށް ގުޅަމުންނެވެ. ޒާހިރުގެ އަމިއްލަ ރަށެވެ. އެހެންވިމާ ޒާހިރުގެ ރައްޓެއްސަކާ ބައްދަލުކޮށްލަން ދިޔައީ ކަމަށްވެސް ވެދާނެއެވެ. މިފަދަ ހިޔާލުތަކުން ހިތްހަމަ ޖައްސާލައިގެން އެނދުގައި މައިޝާ އޮށޯވެލިއެވެ.
 
ނީނާ މެންގެއިން ނުކުމެގެން ގޮސް އެގޭގެ ކުރިމަތީގައި ހުރި ފާރުކައިރީގައި އާޒިމް މަޑުކޮށްލިއެވެ. ފާރުގައި ބޯ ޖައްސާލާފައި ދެލޯ މަރާލިއެވެ. އާޒިމްގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. އެތަނުގައި އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އަދިރިކަމުން މީހަކު އެތަނުގައި ހުރި ކަމެއް އެއްވެސް މީހަކަށް ނޭންގޭނެއެވެ.  ދެލޯ ހުޅުވާލާފައި ނީނާމެންގެއާ ދިމާލަށް ބަލާލީ ދެލޯ ކުޑަކޮށްލާފައެވެ. އެވަގުތު އެގޭގެ ދޮރު ލެއްޕެނުތަން އާޒިމަށް ފެނިގެން ދިޔައެވެ. މިވަގުތު، މިހާ ދަން ގަޑިއެއްގައި ނީނާމެންގެއަށް ވަންނާނީ ކާކުބާއެވެ. އާޒިމަށް ހިތާ ހިތާ ސުވާލުކޮށްލެވުނެވެ.  އެއީ ކާކުތޯ ބެލުމުގެ ޝައުޤުވެރިކަން އުފެދުނެވެ. އެހެންކަމުން މަޑުމަޑުން ނީނާ މެންގެއާ ދިމާލަށް ހިނގައިގަތެވެ. 

ތިރީގައި އިށީންދެލައިގެން ރޯން އިން ނީނާ ސިއްސައިގެން ދިޔައީ މީހަކު އައިސް ކޮޓަރިއަށް ވަނުމުންނެވެ. އިސްއުފުލާ ބަލައިލިއިރު ކުރިމަތީގައި ޒާހިރު ހުއްޓިލައިގެން ހުއްޓެވެ. ވަގުތުން ނީނާ ކޮޅަށް ތެދުވިއެވެ. އދި ރުޅިއައިސްފައިވާ މޫނު އަނެއްފަރާތައް އަނބުރާލިއެވެ. ޒާހިރު ނީނާއާއި ގާތައް ހިނގައިގަތެވެ. އަދި ފަހަތުންގޮސް ނީނާގެ ފުރަގަހުން އުނަގަނޑުގައި އަތްވަށާލައިލިއެވެ. އެވަގުތު ނީނާގެ ގަޔައްހީވީ މީހާކު ހޫނުފެން އެއްޗެއް އޮއްސާލިހެންނެވެ. ތެޅިގަނެފައި ޒާހިރުއާއި ދުރައްދާން މަސައްކަތްކުރިއެވެ.. ނަމަވެސް އެކަން ނީނާއަށް ކާމިޔާބުވާގޮތެއް ނުވިއެވެ. އެއަށްވުރެއް ޒާހިރު މާ ވަރުގަދައެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ދެމީހުން އެއްފަހަރާ ބަލާލިއެވެ.  ކުރިމަތީގައި ހުރި އާޒިމް ފެނިފައި ނީނާގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެންދިޔަހެންނެވެ .ޒާހިރު ހުރީ ފާޑަކަށް ހެވިފައި ބަލަހައްޓައިގެންނެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ