މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 24

އާޒިމްގެ ސަބަބުން އޭނާގެ މަންމަޔަށް އެދެވުނީ ކިހާވަރެއްގެ ހިތްދަތި ކަމެއްކަމެއް އާޒިމަށް ވަޒަންވެސް ކޮށްނުލެވުނެވެ. އިރުކޮޅަކުން ޒައިނަބު ބާރަށް ހަޅޭލަވައިގަތް އަޑު އިވިފައި އެންމެން ދުއްވައިގަތީ ސިޑިން މައްޗަށް އެރުމަށެވެ. " އާޒިމް" ޒައިނަބު ބާރަކަށް އާޒިމަށް ގޮވާލިއެވެ. އަދި ހަރީރާ ކިޔައިފައި ބާރަށް ހަޅޭލަވައިގަތެވެ. އެ ހަޅޭކުގެ އަޑުގައި ބިރުވެރިކަމާއި، ހާސްކަމުގެ އިހުސާސް ހުއްޓެވެ. އާޒިމް ދުވެފައި ސިޑިއާއި ދިމާލަށް ދިޔައެވެ. އެވަގުތަކީ ޒާހިރުވެސް ބޭރުގައި އުޅެފައި ގެއަށް އައިސް ވަންވަގުތެވެ. ވެގެން އުޅޭ ގޮތެއް ބަލަން ޒާހިރުވެސް ދިޔައީ ސިޑިއާއި ދިމާލަށެވެ. އޭރުވެސް ޒާހިރަކަށް ނީނާއެއް ނުފެނެއެވެ. އެތާ ތިބި އެންމެން މައްޗަށް އަރައިގެން ހަރީރާގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. އެންމެ ފުރަތަމަވެސް ދިޔައީ އާޒިމެވެ. މައިޝާ ހުރީ ތަންކޮޅެއް ފަހަތުގައެވެ. ބަނޑުބޮޑުވީމައި، މައިޝާ ދިޔައީ ތަންކޮޅެއް މަޑުނެވެ. ނީނާ ހުރީ ހަދާނެގޮތް ހުސްވެފައެވެ. ފާތުންވެސް ދިޔައީ އިއްބެ ފަހަތުންނެވެ. އެވަގުތު ނީނާވެސް މައްޗަށް ދުއްވައިގަންނަން ހިތައް އެރިއެވެ. ނަމަވެސް ދާނީ ކޮން ހައިސިއްޔަތަކުން ކަމެއްވެސް ނޭނގުނެވެ. އެންމެންވެސް އޭނާއަށް ނަފުރަތު ކުރެއެވެ. ފާތުންނަށް ވެސް މިވަގުތު މުހިންމުވީ އޭނާގެ ފިރިމީހާގެ އާއިލާކަން އިހުސާސްވީ ނީނާގެ ގާތަށް ނުގޮސް އިއްބެ ކައިރިޔަށް ދިޔައީމައެވެ. ނީނާގެ ހިތައް ކިތަންމެ އަސަރުކުރި ނަމަވެސް އެވަގުތު މުހިންމުވީ އާޒިމްގެ މަންމައަށް ވީ ގޮތެއް ބެލުމަށެވެ.

ދުވެފައިގޮސް ކޮޓަރިއަށް ވަންއިރު މަންމަ އޮތީ ބިންމައްޗަށް ވެއްޓިފައެވެ. އޭރު ޒައިނަބު ހަރީރާ ކައިރީގައި އިށީންދެލައިގެން ރޯން އިނެވެ. އާޒިމް ދިޔަގޮތައް ގޮސް މަންމައަށް ގޮވިއެވެ. ނަމަވެސް މަންމަގެ ހަބަރެއް ނުވިއެވެ. އާޒިމްގެ މަންމައަކީ ހިތުގެ ބަލީގެ މީހެކެވެ. މަންމަ ހިތްދަތި ނުކޮށް ގެންގުޅުމަށް ޑަކުޓަރުން ވަނީ އާއިލާއަށް އިންޒާރުދީފައެވެ. " އިއްބެ، އެންބިއުލަންސަށް ގުޅާބަލަ!" އަވަހަށް އާޒިމް ބުނެލިއެވެ. އިއްބެ އަވަހަށް ފޯނު ނަގައި އެންބިއުލަންސަށް ގުޅައިލިއެވެ. އާޒިމްގެ އަތްދަނޑި މައްޗަށް މަންމަ ނަގައިގެން ތިރިއަށް ފައިބާން ދިޔައެވެ. ފަހަތުން ދެން ތިބި މީހުންވެސް ފޭބިއެވެ. އެންމެންވެސް ތިބީ ހާސްވެ ކަންބޮޑުވެފައެވެ. ގޭގައި މަސައްކަތްކުރާ ނޯކަރުންގެ މޫނު މަތިންވެސް ފެންނަނީ ކަންބޮޑުވުމާއި މާޔޫސްކަމުގެ އަސަރުތަކެވެ. ހޯލު ތެރޭގައި ރޮވިފައި ނީނާ ހުއްޓެވެ. " އާޒިމް އެންބިއުލާންސް އަތުވެއްޖެ" ބޭރުގައި ހުރި އިއްބެ ދުވެފައި އައިސް ވަރުބަލިވެފައިވާ ރާގަކަށް  ބުނެލިއެވެ.  މަންމަ ނެރެ، އެންބިއުލާންސަށް ލައިގެން ހޮސްޕިޓަލަށް ދުއްވާލިއެވެ. އެކީގައި އާޒިމާއި ޒައިނަބު އަދި މައިޝާވެސް ދިޔައެވެ. ފާތުންވެސް ދާން ބޭނުންވިއެވެ. ނަމަވެސް އިއްބެ އެދުނީ ފާތުން ގޭގައި މަޑުކުރާށެވެ. ނީނާގެ ގާތުގައެވެ. ނީނާ އެކަނިވާނެއެވެ. ވާނުވާ އަންގާނެ ކަމުގައި އިއްބެ ބުނެފައި ކާރާއި ދިމާލަށް ދިޔައެވެ. ނީނާ ގާތުގައި މަޑުކުރަން ބުނި ވާހަކަ ކާރަށް އަރަންދިޔަ ޒާހިރަށް އިވިފައި ސިއްސައިގެން ދިޔައެވެ. ނީނާ މިގޭ ކީއްކުރަނީ ބާވައެވެ. ޒާހިރުގެ ހިތް ނުތަނަވަސްވާން ފެށިއެވެ. އަދި ނީނާ ކޮބައިތޯ ބަލަން ގޭތެރެއަށް ހިނގައިގަންނަން އުޅެފައިވެސް ހުއްޓުނީއެވެ.  ސަބަބަކީ އިއްބެ އޭނާ ނުލައި ގޮސްދާނެތީ އިއްބެގެ ފަހަތުން އޭނާ ދިޔައީއެވެ. މިވަގުތު މައިޝާއަށް އޭނާގެ ބޭނުން ޖެހޭނެތީއެވެ. އޭނާ ނުގޮސްފިނަމަ މައިޝާ ޝަކުވާ ކުރާނެތީއެވެ.

ދުރުގައި ހުރި ނީނާ ފެނިފައި ފާތުން ނީނާއާއި ދިމާލަށް ދުއްވައިގަތެވެ. އަދިގޮސް ނީނާގެ ގައިގައި ބާރަށް އޮޅުލައިގަތެވެ. ބާރުބާރަށް ނީނާ ރޯން ފެށިއެވެ. އެހާދުވަސް ކޮށްފައި ފާތުން ފެނުމުން ނީނާގެ ހިތުގެ އުދާސްތައް ކަރުނައިގެ ސިފައިގައި ބަންޑުންކޮށްލިއެވެ. ހެޔޮ ނަސޭހަތްދީގެން ނީނާ ހަމަޔަކަށް އަޅުވަން ފާތުން މަސައްކަތްކުރިއެވެ. އަދި ސޯފާގައި ނީނާ ބޭންދުމަށްފަހު ފެން ތައްޓެއް ގެނެސް ދިއްކޮށްލިއެވެ. "އަހަރެން ނީނާ ނުފެނިގެން ވަރަށް ހާސްވި، އަހަރެން ހީކުރީ ނީނާ ގެއްލުނީ ކަމަށް، އެކަމަކު މިފަދަ ގޮތަކަށް މިގެއަށް އަންނާނެ ކަމަކަށް އަހަރެން އުއްމީދެއް ނުކުރަން، އަހަންނަށް އިނގޭ އާޒިމް ނީނާދެކެ ވަރަށް ލޯބިވާކަން، އެކަމު ސިއްރުން ކައިވެނި ކޮށްފާނެ ކަމަކަށް ހިއެއް ނުކުރަން، އެހެންވިޔަސް ވަރަށް އުފާވެއްޖެ އަހަންނާއި އެއްގެއެއްގައި އުޅެން ނީނާ އައީމަ، ނީނާވެސް ވަރަށް ލޯބިވޭ ދޯ އާޒިމްދެކެ؟" ފާތުން އެއްފަހަރާ އޭނާގެ ހިތުގައިވާ އުދާސްތައް ބޭރުކޮށްލިއެވެ. ހިތުގައިވާ ޖަޒުބާތުތައް ފާޅުކުރާކަށް ނީނާއަކަށް ނޭނގުނެވެ. އެހެންވެ ބުނާނެ އެއްޗެއް ނޭންގިގެން ހިނިތުންވުން ފިޔަވާ އިތުރު އެއްވެސް އިޝާރާތެއް ނީނާގެ ފަރާތަކުން ނުލިބުނެވެ. ނީނާގެ ހިތަށް ނުތަނަވަސްކަން ވެރިވީ ފާތުންގެ އެންމެ ޖުމްލައަކުންނެވެ. ހަގީގަތުގައިވެސް އާޒިމް އޭނާ ދެކެ ލޯބިވޭބާވައެވެ. ނޫނެކެވެ. އެއީ މިހާރު އެހެން އާޒިމެކެވެ. ރަށުގައި އުޅުނުއިރު އާޒިމް ލޯބިވާކަމުގެ އިހުސާސް ނީނާއަށް ކުރެވުނު ނަމަވެސް، މިހާރު އާޒިމްވަނީ ބަދަލުވެފައެވެ. ހިތްދަތިކަމާއި ވޭން ފިޔަވާ އިތުރު އެއްޗެއް އާޒިމްގެ ފަރާތުން ނުލިބޭނެކަން ނީނާއަށް އެނގެއެވެ. ސަބަބަކީ އާޒިމް އޭނާއަށް ނަފުރަތު ކުރާތީއެވެ. ފުން ހިޔާލުތަކުގެ ތެރޭގައި އިން ނީނާއަށް ހޭވެރިކަންވީ ފާތުންގެ ފޯނު ރިންގުވާން ފެށުމުންނެވެ.  ހޮސްޕިޓަލުގައި ހުރެފައި އެގުޅީ އިއްބެއެވެ. "ހަލޯ، ދައްތަ ކިހިނެއް؟،" މަޑުމައިތިރިކަމާއި އެކު ފާތުން ސުވާލުކޮށްލިއެވެ. " އިއްބެގެ އަޑުގައިވީ މޮޅިވެރި ކަމެވެ. "ވެންޓިލޭޓަރުގައި، ނޭންގެ އަދި، ޑަކުޓަރުބުނަނީ ސްޓްރޯކެއް ޖެހުނީކަމަށް" މާޔޫސްވެފައި އިއްބެ ބުނެލިއެވެ. އޯކޭ އޭ ބުނުމަށްފަހު،މޫނުމަތި މިލާ މޯޅިވެފައި ހުރެ ފާތުން ފޯނު ކަނޑައިލިއެވެ. 

އައިސީޔޫގެ ބޭރުގައި ހުއްޓިލައިގެން ހުރި އާޒިމްގެ ލޮލުން ހިތާމައިގެ އަސަރުތައް ފާޅުވޭވޭ ހުއްޓެވެ. އަޑުން އަޑު ނަގާފައި ނުރޮއެއްކަމަކު އާޒިމްގެ ހިތާއި ސިކުނޑި ހުއްޓިފައިވާ ކަހަލައެވެ. މަންމަޔަށް އެ ހާލަތު މެދުވެރިވީ އޭނާގެ ސަބަބުންނެވެ. އޭނާ އެގޮތަށް އަމަލު ނުކުރިނަމަ މަންމަ ހުންނާނީ ސަލާމަތުންނެވެ. މިގޮތައް ހޮސްޕިޓަލުގައި ނޯންނާނެއެވެ. ފާރުގައި އެއް އަތް ވިއްދާލައިގެން ވިސްނަން ހުރި އާޒިމްގެ ކޮނޑުމަތީގައި މައިޝާ އަތް ބާއްވައިލިއެވެ. ހިތާމައިގެ މޫނަކާއި އެއްކޮށް މައިޝާއާއި ދިމާލަށް އެނބުރެލުމަށްފަހު، މައިޝާ ގައިގައި އޮޅުލައިގަނެފައި އާޒިމް ރޯން ފެށިއެވެ. މައިޝާވެސް ރޮނީއެވެ. މިވަގުތު އޭނާގެ ދެވަނަ މަންމަގެ ގޮތުގައި ހުރި ދައްތަ އެ ހާލުގައި އޮތުމަކީ މައިޝާއަށްވެސް ފުން އަސަރުތަކެއް ކުރުވި ކަމަކަށެވެ. ޒައިނަބު ފޯނު ނަގައި އާޒިމްގެ ބައްޕަޔަށް ގުޅޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އާޒިމްގެ ބައްޕަގެ ފޯނަކަށް ނުގުޅެއެވެ. ކުއްލިއަކަށް ޒައިނަބުގެ ހިޔާލަށް އައީ ތަންކޮޅެއް ކުރިން ދުވަހެއްގައި ހަރީރާވެސް ގުޅަންކުރި މަސައްކަތެވެ. އަދި އާޒިމްގެ ބައްޕަޔަށް ނުގުޅިގެން ކުރި ޝަކުވާތަކެވެ. ރަޤީބާ އާއި ހަމީދުއަށްވެސް ގުޅޭތޯ ޒައިނަބު މަސައްކަތްކުރިއެވެ. ނަމަވެސް އެދެމީހުންގެ ފޯނަކަށް ޖަވާބެއް ނުލިބެއެވެ. ހާސްވެފައި ދެކޮޅަށް ހިނގައިލަ ހިނގައިލާ ޒައިނަބު ހުއްޓެވެ. މި މަންޒަރު އިއްބެއަށް ފެނިފައި، ދިޔަގޮތައް ގޮސް މަންމަ ގައިގައި އޮޅުލައި ގަތެވެ.  އިރުކޮޅަކުން ޒައިނަބުގެ ފޯނު ރިންގުވާން ފެށުމާއެކު އަވަސް އަވަހަށް ޒައިނަބު ފޯނު ނެގިއެވެ. އަދި އަވަހަށް ހަލޯ އޭ ބުނެލިއެވެ. " ބޮޑު ދައްތާ! ކިހިނެއްވީ، ހުރިހާ ކަމެއް ރަނގަޅުތަ؟ " އެކޮޅުން ވާހަކަ ދެއްކީ ރަޤީބާއެވެ. ޒައިނަބަށް ރޮއި ގަނެވުނެވެ. އަދި ވެގެން އުޅެ ގޮތުގެ ތަފްސީލު ރޮމުން ރަޤީބާއަށް ކިޔައިދިނެވެ. " ހަމަ ތެދެއްތަ، އަހަރެން ހަމީދު ގާތު ބުނެގެން އަވަހަށް މާލެ ދެވޭތޯ އެބަ ބަލަން،" ކުރި ފުން އަސަރަކުން ފޯނު ބާއްވަމުން ރަޤީބާ ބުނެލިއެވެ. ކޮންމެ ކަހަލަ މިޒާޖެއް ހުރި ކަމުގައިވިޔަސް، އޭނާގެ ފިރިމީހާގެ އާއިލާގެ މީހުނަށް ރަޤީބާ ވަރަށް ރަނގަޅެވެ. އރުކޮޅަކަށްވެސް މައިޝާ އާޒިމްގެ ގާތުން ދުރަށް ނުދެއެވެ. މިވަގުތު އާޒިމަށް އޭނާގެ އަޅާލުން ބޭނުންވާނެވަރު މައިޝާއަށް އިހުސާސްކުރެވެއެވެ. އޭނާއަކީ މާބަނޑު މީހެއްކަން ވެސް ހަނދާނެއް ނެތެވެ. 
ޠައިބާގެ ގޭތެރެއިން ފެންނަނީ ހަމަހިމޭން ކަމެވެ. ކާމޭޒު ކައިރީގައި ފާތުންނާއި ނީނާ ތިއްބެވެ. ލަސްވެފައި ވީ ވަރުން ނީނާ ބަނޑުހައިވެފައި ހުރުމުން ނީނާއަށް ކާއެއްޗެއް ދިނުމަށެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ނުތަނަވަސްކަމެވެ. ހިތާމަޔާއި މޮޅިވެރިކަމެވެ. މިވަގުތު ނީނާ ބޭނުންވަނީ އާޒިމްގެ ގާތުގައި ހުންނާށެވެ. ނަމަވެސް އާޒިމް އޭނާއަށް ކުރާ ނަފްރަތުގެ ސަބަބުން މިވަގުތު ރަނގަޅުވާނީ ނީނާ އޭނާގެ ކުރިމައްޗަށް ނުދިޔުމެވެ.  އޭނާއެއީ އާޒިމްގެ އަނބިމީހާ ކަމުގައި އާޒިމް ނުދެކެއެވެ.  ކައިވެނީގެ ސެޓްފިކެޓުގައި އެހެން ލިޔެވިފައި އޮތްކަން އެކަންޏެވެ. އެދެމެދުގައި އިތުރު ގުޅުމެއް ނުހިނގާނެކަން އާޒިމްވަނީ އޭނާގެ ގާތުގައި ބުނެފައެވެ. ހިޔާލުތަކުގެ ތެރެއިން ބޭރުވާ ގޮތެއް ނީނާއަކަށް ނުވެއެވެ. އިރު އިރުކޮޅާ އާޒިމްގެ ރަހުމެއްނެތް ބަސްތަކުން އޭނާގެ ސިކުނޑި ފުރެނީއެވެ. އެ ހިޔާލުތައް ހިތައްވެރިވާ ކޮންމެ ފަހަރަކު ނީނާގެ ދެލޯ ފެންކަޅިވެއެވެ. 
އައިސީޔޫގެ ދޮރު ހުޅުވާލާފައި ޑަކުޓަރު ނުކުމެއްޖެއެވެ. އެތަން ފެނިފައި އެންމެން ޑަކުޓަރުގެ ކައިރިޔަށް ހިނގައިގަތެވެ. " ޑޮކްޓަރު، މަންމަ ކިހިނެއް؟ " ހާސްވެފައި އާޒިމް ސުވާލުކޮށްލިއެވެ. " މިހާރު ދަނީ ކުޑަކޮށް ރަނގަޅުވަމުން، އަދި މުޅިއަކުން އެއްޗެއް ބުނަން ދަތި، އިރާދަކުރެއްވިއްޔާ ބޮޑުވަރު ނުވާނެކަމަށް އުއްމީދުކުރޭ ، އަދި އޮބްޒާރވޭޝަންގައި ބާއްވާލަން ޖެހޭނީ.." ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޑޮކްޓަރު ބުނެލިއެވެ. ޑޮކްޓަރުގެ ބަސްތަކުން އާޒިމްގެ ހިތައް ކުޑަ ލުއިކަމެއް އައި ނަމަވެސް، މުޅި އަކުން ހިތަކަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. "އާޒިމް، ދާންވީނު ގެއަށް، ގޮސް އެއްޗެއް ކާލައިގެން،ކުޑަކޮށް އަރާމުކޮށްލުމަށްފަހު އަންނަން،އަހަންނާއި މަންމަ މިވަގުތު މަޑުކޮށްލާނަން،" އާޒިމްގެ ކޮނޑުގައި އަތް ބާއްވައިލުމަށްފަހު އިއްބެ ބުނެލިއެވެ. "ތެދެއް ހިނގާ އަހަރެންވެސް ދާނަން އާޒިމާ އެއްކޮށް، ތަންކޮޅެއް ލަސްކޮށްލާފައި އަންނަންވިޔަސް ހިނގާ ގެއަށް ގޮސްލަން،" މައިޝާވެސް އިއްބެގެ ހިޔާލަށް ތާއިދުކުރިއެވެ. ބޯ ޖަހާލުމަށްފަހު މައިޝާއާއި އެކީގައި އާޒިމް ހިނގައިގަތީ ގެއަށް ދިޔުމަށެވެ. 

އާޒިމާއި މައިޝާ ގެއަށް އައިއިރު ފާތުންނާއި ނީނާ ތިބީ ހޯލުގެ ސޯފާގައި އިށީންދެލައިގެންނެވެ. މައިޝާ އަންނަތަން  ފެނުމުން، އަވަހަށް ސޯފާއިން ތެދުވެގެން އެމީހުންނާއި ދިމާލަށް ފާތުން ދުއްވައިގަތެވެ. ދައްތަގެ ހާލު ކިހިނެއްތޯ އަހާ އޮޅުން ފިލުވައިލިއެވެ. ފާތުންގެ މޫނުމަތީންވެސް ނުތަނަވަސްކަން ފިލައިގެން ނުދެއެވެ. ކޮޅަށް ތެދުވެ އެމީހުންނާއި ދިމާލަށް ބަލަހައްޓައިގެން ނީނާ ހުއްޓެވެ. ދައްތަގެ ހާލަތު ފާތުންނަށް މައިޝާ ކިޔައިދިންއިރު އާޒިމް ނަޒަރު ހުރީ ނީނާއާއި ދިމާލަށް ހުއްޓިފައެވެ. އެނަޒަރުގައި އެތައް ވާހަކައެއް ބުނެދޭ ކަހަލައެވެ. އާޒިމަށް ނީނާގެ އެހީތެރިކަމާ، އަޅާލުން އިންތިހާއަށް ބޭނުންވެއެވެ. އެހެން ނަމަވެސް އޭނާގެ ނަފްރަތާއި، ނީނާ ދެކެ އައިސްފައިވާ ރުޅީގެ ސަބަބުން ނީނާގެ ފަރާތުން އެއްވެސް ކަމަކަށް އޭނާ އުއްމީދެއް ނުކުރާނެއެވެ. ނީނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. މޫނުމަތީގައިވަނީ ފުން ހިތާމައިގެ އަސަރުތަކެވެ. އާޒިމް އޭނާއާއި ދޭތެރޭ އެގޮތަށް ކަންތައްކުރުމުގެ ސަބަބު ނޭނގޭތީ އެކަމުގެ އިލްތިޖާއެވެ. ޖަޒުބާތުތައް ފާޅުކުރުމުގައި ނަޒަރަކީވެސް ކޮންފަދަ އެއްޗެއް ހެއްޔެވެ؟

ކޮޓަރިއަށް ވަދެގެން އައި އާޒިމްގެ ފަހަތުން ނީނާވެސް ކޮޓަރިއަށް ވަނެވެ. އާޒިމް ހިތުން ހިތާމައިގެ އަސަރު އަދިވެސް ފިލައިގެން ނުދެއެވެ. އެއްވެސް އެއްޗެއް ނުބުނެ ބުދެއްފަދައިން ގޮސް އެނދުމަތީގައި އިށީނދެލިއެވެ. ދޮރު ކައިރީގައި ހުރި ނީނާ ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އާޒިމް ގާތުގައިގޮސް އިށީންނާނީ ބާވައެވެ. ނޫނީ ސޯފާގައި އިށީންނާނީ ބާވައެވެ. ސުވާލުމާރކުތަކުން ނީނާގެ ސިކުނޑި ފުރެމުންދިޔައެވެ. އެދުމަތީގައި އިން އާޒިމް ބޮލުގައި އަތް އަޅައި އިސްޖަހައިލިއެވެ. އަދި މޫނުގައި އަތް ފިރުމާލިއެވެ. އެވަގުތު ކުރިމަތީގައި ނީނާ ހުރިކަން އޭނާއަށް އިހުސާސްވީ ދެނެވެ.  އެހެންނަމަވެސް ނީނާއާއި ވާހަކަ ދައްކާކަށް އޭނާ މިވަގުތު ބޭނުމެއް ނުވެއެވެ. ދެކަކޫ ތިރިކޮށްލާފައި އާޒިމްގެ ކުރިމަތީގައި ހުރި ނީނާ އިށީންދެލިއެވެ. އަދި އާޒިމްގެ ނަން ކިޔާލުމަށްފަހު އާޒިމްގެ އަތްމަތީގައި އަތްބާއްވާލަން ނީނާގެ އަތް ނެގިތަނާހެން، ކުއްލިއަކަށް އާޒިމް ބުނެލިއެވެ. " ނޯ، ހަބަރުދާރު، " އާޒިމް ބުނިލެއް ބާރުކަމުން ނީނާ ދިޔައީ ސިއްސައިގެންނެވެ. " މަށަކަށް ނީނާގެ އެހީތެރިކަމެއް ބޭނުމެއްނޫން. އަޑު އިވިއްޖެތަ، މި ހުރިހާ ކަމެއްވެސް މިވީ ނީނާގެ ސަބަބުން،" ފެންކަޅިވެފައި ދެލޯ ބޮޑުކޮށްލައިގެން ނީނާ އިނެވެ. " ނީނާ އެ ޒާހިރުއާއި ކައިވެނި ކުރަން ނޫޅުންނަމަ އަހަރެން ނީނާއާއި މިގޮތައް ކައިވެނި ކުރާކަށްވެސް ނުޖެހޭނެ. އަދި މަންމަ އެގޮތަކަށް ބައްޔެއްވެސް ނުވީސް." އަޑަށް ބާރުލާފައި ރުޅި އައިސް ރަތްވެފައިވާ މީހެއްފަދައިން އާޒިމް ބުނެލިއެވެ. އަދި ކައިރީގައި އިން ނީނާ ކޮއްޕާލާފައި އާޒިމް ނުކުމެގެން ދިޔައީއެވެ. އެހުރިހާ ވާހަކަތަކެއް ނީނާއާއި ދިމާލަށް ކިޔާލުމަށްފަހު އާޒިމް އެދިޔައީ ކޮންފަދަ ރަހުމުކުޑަ ގޮތަކަށް ހެއްޔެވެ. "ދެރަވަނީ އާޒިމް އެކަނި ހެއްޔެވެ؟ ނޫނީ ހިތާމަ ކުރިމަތިވަނީ އާޒިމަށް އެކަނި ހެއްޔެވެ؟ އާޒިމްގެ ތޫނު ބަސްތަކުން ނީނާގެ ހިތް ޒަޚަމްވަމުން ދިޔައެވެ. އޭނާއަކީ ވެސް އިންސާނެކެވެ. ހަރު ހިލަގަނޑެއް ނޫނެކެވެ. މި ނޫންގޮތެއް އޭނާއަށް ނެތީ ހެއްޔެވެ؟ އާޒިމާއި ދިމާނުވިނަމަ ކޮންފަދަ ހެއްޔެވެ؟ މިހުރިހާ ޝަކުވާތައް ހިތާއި ކުރަމުން ގިސްލަގިސްލާފައި ނީނާ ރޮނީއެވެ.  (ނުނިމޭ)

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ