މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 23

މާފަންނު ޠައިބާގޭގައި އުފާވެރިކަމުގެ ޕާރޓީގެ ކުލަވަރު ފެންނަން ހުއްޓެވެ. ޕާރޓީއަށް އަންނަ މެހެމާނުންނަށް މެހެމާންދާރީ އަދާކުރުމަށް ދޮރުކައިރީގައި އިއްބެ ހުއްޓިލައިގެން ހުއްޓެވެ. ފަހަތުގައި ރީތިކޮށް ނަލަ ހެދިލައިގެން ގޭގެ އިސްވެރިން ތިއްބެވެ. ހަރީރާއާއި ޒައިނަބެވެ. ފާތުންވެސް ސިޑިން ފައިބައިގެން އަންނަތަން ފެނެއެވެ. މެހެމާނުންތައް އެތެރެއަށް ވަދެގެން އައިސް އެއްބަޔަކު އަނެއްބަޔަކާ ސަލާމްކޮށް ހާލު އަހުވާލު އަހާލައެވެ. މައިޝާއާއި ޒާހިރުވެސް އިރުކޮޅަކުން އަތުވެއްޖެއެވެ. ސިޔާސީ މީހުންނާއި ބޮޑެތި ވިޔަފާރި ވެރިން އަދި މަޝްހޫރު މޮޑެލުންނާއި ފިލްމުކުޅޭ ފަންނާނުންވެސް ޕާރޓީގައި ބައިވެރިވިއެވެ. ޠައިބާ އާއިލާއަކީ މާލޭގެ މަޝްހޫރު އާއިލާއެކެވެ. އެންމެންވެސް ދަންނަ ބޮޑު އާއިލާއެކެވެ. ޕާރޓީގެ ވާހަކަ ކަވަރު ކުރަން ބައެއް މީޑިއާތައްވެސް އެތަނުގައި ވެއެވެ. މަދީ އާޒިމް އެކަންޏެވެ. މެހެމާނުންތައް އައިސް ނިމުމުން އިއްބެ އައީ ހަރިރާ ކައިރިއަށެވެ. އަދި އާޒިމް ކޮބައިތޯ ސުވާލުކޮށްލިއެވެ. "ތެދެއް އާޒިމް ކޮބައިތަ؟ މައިޝާވެސް ކައިރިޔަށް އައިސް ކޮށްލީ ހަމަ އެސުވާލެވެ. " ފޯނެއްވެސް ނުނަގާ" ފޯނު ކަންފަތުން ނައްޓާލަމުން އިއްބެވެސް ބުނެލިއެވެ. ހަރީރާ ކުޑަކޮށް ހާސްވާން ފަށައިފިއެވެ. " ޒައިނަބު، އަނެއްކާ އާޒިމަށް ކަމެއްވީތަ؟" ޒައިނަބު ގައިގައި ހިފަހައްޓާލަމުން ހަރީރާ ބުނެލިއެވެ. " ހަރީރާ ހާސް ނުވޭ އާޒިމް އަންނާނެ" ހަމަޖެހޭގޮތް ދައްކަމުން ޒައިނަބުވެސް ބުނެލިއެވެ. އެވަގުތު އާޒިމް އެތެރެއަށް ވަދެގެން އައިތަން އިއްބެއަށް ފެނުނެވެ. އިސްދަށަށް ޖަހާލައިގެން، ހަރުގޮތަކަށް ހިނގާލާފައި އާޒިމް އައީ ޕާރޓީގައި ތިބި ޅަފުރައިގެ އަންހެން މޮޑެލުންގެ ހިތްތައް ކަތިލަމުންނެވެ.

އާޒިމް އައިސް ހުއްޓުމާއެކު އެންމެ ފުރަތަމަވެސް މައިޝާއައިސް ކައިރީގައި ހުއްޓެލިއެވެ. " މިގަޑީ ކޮންތާކު އުޅެފައި ތިއައީ" އަދި އާޒިމްގެ އަތުގައި ހިފަމުން ބުނެލިއެވެ. " ތެދެއް ދަރިފުޅާ، މިގަޑީ ކޮންތާކުން ތިއައީ " ހަރީރާވެސް ކުރީ ހަމަ އެސުވާލެވެ. " މަންމަ ހާސްނުވޭ، ވަރަށް މުހިއްމު ކަމެއް ނިންމާލާފައި މިއައީ" ވައްކަޅިން ޒާހިރުއަށް ބަލައިލަމުން އާޒިމް ބުނެލިއެވެ. އެވަގުތު ޒާހިރުގެ ހިތުގައި ސުވާލު އުފެދެން ފެށިއެވެ. އަނެއްކާ އާޒިމަށް ނީނާ ވީތަން އެނގުނީބާވައެވެ. ޒާހިރުގެ ހިތް ކުއްލިއަކަށް ނުތަނަވަސްވާން ފަށައިފިއެވެ. " ކޮންކަމެއް ބުނެބަލަ!" މައިޝާ ގޮތެއް ދުލެއް ނުކުރިއެވެ. " ސަޕްރައިޒެއް!" ހީލާފައި އާޒިމްވެސް ބުނެލިއެވެ. އެންމެންނާއި އެއްފަރާތަކަށް ޖެހިލުމަށްފަހު ފޯނުން ޒާހިރުގެ  އެސިސްޓެންޓަށް ގުޅައިލިއެވެ. އެސިސްޓެންޓުގެ ފޯނު ރިންގުވެފައި ކެނޑުނީއެވެ. ޒާހިރު މިގޮތައް ވިސްނަން ހުއްޓައި މައިޝާ ފަހަތުން އައިސް ޒާހިރުގެ ކޮނޑުމަތީގައި އަތް ބޭވުމުން ސިއްސައިގެން ގޮސް ޒާހިރު ފަހަތައް އެނބުރެލިއެވެ. "ކިހިނެއްވީ" މައިޝާވެސް ސިއްސައިގެންގޮސް އަހާލިއެވެ. "ކަމެއްނުވޭ! " ހިނިތުންވެލަމުން ޒާހިރު ބުނެލިއެވެ. " އާޒިމް ދޭން އެއުޅެނީ ކޮން ސަޕްރައިޒެއްބާ! " އުފަލުން ހިނިތުންވެލަމުން މައިޝާ ބުނެލިއެވެ. ޒާހިރުގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ޕާރޓީ ދޫކޮށްފައިދާން ދައްކާނެ ބަހަނާއަކާ ދޭތެރޭ ޒާހިރު ވިސްނަންފެށިއެވެ. އެހާ ފަސޭހައިން މައިޝާ އޭނާ އަތުން ދިޔަނުދޭނެކަން ޒާހިރުއަށް އެނގެއެވެ. އިއްބެ ދިޔައީ ޕާރޓީގެ މެހެމާނުންނަށް ފާތުން ތަޢާރަފް ކޮށްދެމުންނެވެ. 

ކާރުގައި އިށިންދެލައިގެން އިން ނީނާގެ ހިތް ބާރަށް ތެޅެނީއެވެ. އާޒިމް މެންގެއަށް ގޮސް އޭނާ އުޅޭނީ ކިހިނަކުން ހެއްޔެވެ؟ އާޒިމް މެންގޭ މީހުން އޭނާ ބަލައިގަންނާނެ ބާވައެވެ. ޒާހިރުގެ އުނދަގޫތަކުން ސަލާމަތްވާނެބާވައެވެ. މި ހިޔާލުތަކުން ނީނާގެ ސިކުނޑި ތަޣައްޔަރުވަމުން ދަނީއެވެ. ޕާރޓީގެ މެހެމާނުންތައް އެކި ދިމަދިމާލުގައި އެކި ރަހުމަތްތެރިންނާއި ބައްދަލުވެ ވާހަކަ ދައްކާ ހަދާތަން ފެނެއެވެ. ޒައިނަބާއި ހަރީރާގެ މޫނުމަތީންވެސް ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. މައިޝާވެސް އިރުއިރުކޮޅާ ތެދުވެލާފައި އިށީންދެލައެވެ. ފާތުންނާއި ދެމީހުން ހީސަމާސާކޮށް ހަދާތަން ފެނެއެވެ.  މީރާ އާއި އާޒިމް އެކުއެކީގައި ހިނގާލާފައި އައިސް ހަރީރާގެ ގާތުގައި ހުއްޓިލިއެވެ. ހަރީރާ އާއި ޒައިނަބު މިރާގެ މަންމަގެ ހާލު އާހައިލިއެވެ. ނަމަވެސް މަންމަ ޕާރޓީއަށް ނުގެނުމުން ހަރީރާ ޝަކުވާކޮށްލިއެވެ. މަންމައާއި މީރާ ކައިރީގައި ވާހަކަ ދައްކަން ހުރި އާޒިމް އިރުއިރު ކޮޅާ ގަޑިއަށް ބަލައިލައެވެ. ނީނާ ކޮބައިބާވައެވެ. އަދިވެސް މިހިސާބަށް ނާދެވެނީ ބާވައެވެ.  ފޯނު ނަގައި ޑުރައިވަރަށް ގުޅައިލިއެވެ. " ހަލޯ، އާޒިމްބޭ، މިތިބީ ބޭރުގައި،" ޑުރައިވަރު މިހެން ބުނެފައި ފޯނު ކަނޑައިލިއެވެ. އަދި ނީނާގެ ދަބަސް ޑިކީއިން ނަގައި ތިރީގައި ބަހައްޓައިލިއެވެ.  މަންމަ ގާތުގައި އެބަ އަންނަމޭ ބުނެފައި ބާރު ހިނގުމެއްގައި އާޒިމް ބޭރު ދޮރާއި ދިމާލަށް ހިނގައިގަތެވެ. ބޭރުގައި ހުރި ނީނާގެ ހިތް ބާރުބާރަށް ތެޅެނީއެވެ. މީހާގެ މުޅި ހަށިގަނޑު ފިނިވެ ތުރުތުރު އަޅަނީއެވެ. ނޭވާ ހާސްވެ ފައިކޮޅުގައި ބާރު ހުސްވާހެން ހީވަނީއެވެ.  ގޭޓުން ވަދެގެން އައި ނީނާއަށް އާޒިމް މެންގެ ފެނިފައި ދެލޯ ބޮޑުވިއެވެ. އާޒިމް މެންގެ ހައިބަތާއި ފެންވަރު ނީނާއަށް އެވަގުތު އިހުސާސްކުރެވުނެވެ. އާޒިމްގެ މުއްސަނދިކަން ނީނާގެ ހިތައް ތަސައްވަރު ކުރެވެން ފެށިއެވެ. އެވަގުތު ކުއްލިއަކަށް ނީނާގެ ހިޔާލަށް އައީ އާޒިމް އޭނާއާއި ދިމާލަށް ބުނި ވާހަކަތަކެވެ. އޭނާގެ ބޮލުގައި އެޅުވި ރަހުމުކުޑަ އިލްޒާމެވެ. އޭނާއަކީ ފައިސާއަށް ދަހިވެތިވެފައިވާ މީހެއް ހެއްޔެވެ؟ މިހިޔާލުތައް ފޫ އަޅުވައިލީ ކައިރީގައި ހުރި އާޒިމް ގޮވައިލުމުންނެވެ. ސިހިފައި ލޮލުން ފައިބަންފެށި ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއެވެ. އަދި އާޒިމާއި ދިމާލަށް އެނބުރެލިއެވެ.

ގޯތި ތެރޭގައި ހަރުކޮށްފައިހުރި ނިވި ދިއްލޭ ބޮކިތަކުގެ އަލީގެ ތެރެއިން ނީނާގެ މޫނު ފެނިފައި އާޒިމަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެ އަންހެން ކުއްޖާއާއި ދޭތެރޭގައި އޭނާގެ ހިތުގައި އުފެދިފައިވާ ޖަޒުބާތުތައް އޭނާ ކަފުން ކުރީ ކީއްވެ ހެއްޔެވެ. އަދިވެސް ނީނާ ފެނުމުން އާޒިމްގެ ހިތައް އެހެން ކަހަލަ އަސަރުތަކެއް ކުރުވައެވެ. އެ މައުސޫމު މޫނު ފެނި އާޒިމް ހިތާއި ސިނކުޑިއަށް ގުޑުން ގެނުވައެވެ. ނަމަވެސް އެކަން ގަބޫލުކޮށް ހިތުގައިވާ އިހުސާސްތަކަށް ތަބާވާކަށް އާޒިމް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ އޭނާއަކީ ކިހާ ބާރުގަދަ މީހެއްކަން ދައްކާށެވެ. ނީނާއަށް ދެރަ ދޭށެވެ.  ނީނާ ރޮއްވާށެވެ. ޒާހިރުއާއި ކައިވެނި ކުރަން ނީނާ ނިންމި ނިންމުންވީ އާޒިމަށް ފުން އަސަރުތަކެއް ކުރުވި ކަމަކަށެވެ. އޭނާގެ ކޮއްކޮގެ ހަޔާތް ނީނާގެ ސަބަބުން ހަލާކުވާކަށް އާޒިމް ބޭނުމެއް ނުވެއެވެ. ނީނާގެ މޫނަށް ބަލަހައްޓައިގެން ހުރި އާޒިމަށް  ހިޔާލުތަކުން ބޭރުވެ ހަމަ ދުނިޔެއަށް އާދެވުނީ ޑުރައިވަރު ގޮވާލުމުންނެވެ. ނީނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެކެވެ. ކަރުނަ ނުހިކި ހުރި ލޮލުން ކިރިޔަ ކިރިޔާ ފެންތައް ނުފައިބައި ކަމެވެ. އިސްދަށަށް ޖަހާލާފައި ނީނާވެސް އާޒިމާއި އެކީގައި ހިނގައިގަތެވެ. ގޭގެ މައި ދޮރާއި ހަމަޔަށް އަރާފައި އާޒިމްގެ ފިޔަވަޅުތައް މަޑުކޮށްލިއެވެ. އަނެއްކާ މިފަހަރު ކިހިނެއްވީ ބާވައެވެ. ނީނާގެ ހިތާއި ހިތާއި ސުވާލުކޮށްލެވުނެވެ.

ނީނާއާއި ދިމާލަށް އާޒިމް އެނބުރެލިއެވެ. ބިރުންހުރެ އިސް އުފުލާލާފައި އާޒިމަށް ބަލައިލިއެވެ. ކޮންމެވެސް އެއްޗެއް ބުނަން އުޅޭކަން އެވަގުތު ނީނާއަށް އެނގުނެވެ. އާއެކެވެ. ނީނާއަށް ހީވީ ހަމަ ރަނގަޅަށެވެ. " ހަނދާން ކުރާތި! އަހަރެން ނީނާ އާއި ކައިވެނި މިކުރީ ހަމައެކަނި އަހަރެންގެ ކޮއްކޮއަށްޓަކާ! އަހަރެންގެ ފަރާތުން ފިރިއެއްގެ ލޯބި ލިބޭނެކަމުގައި އުއްމީދު ނުކުރާތި، ގޭ މީހުން ކުރިމަތީގައި އަހަރެމެން ދެމީހުނަކީ ލޯބިން އުޅޭނެ ދެމީހުން، އެކަމު ބަންދު ކޮޓަރީގައި ތީ އަހަންނަށް އެއްވެސް މީހަކަށް ނުވާނެ...އަހަރެންގެ ފަރާތުން އެއްވެސް ކަމަކަށް އުއްމީދު ނުކުރާތި.. ލޯތްބާ، އަޅާލުމާއި ، އޯގާތެރިކަން މިއިން އެއްވެސް ކަމަކަށް" ރުންކުރު ގޮތަކަށް އާޒިމްގެ ރަހުމެއްނެތް ބަސްތައް ބޭރުކޮށްލިއެވެ. އާޒިމްގެ ކޮންމެ ޖުމްލައަކުން ނީނާގެ ހިތައް ހީވީ އެތައް ސަތޭކަ ތޫނު ހަންޖަރުތަކެއް އެއްފަހަރާ މީހަކު ހަރަމުން ދިޔަހެންނެވެ. މުޅިގައިން ހީބިހި ނަގައި، ދެފައިކޮޅު ވަރު ދޫވެ އެތަނަށް ނުވެއްޓި ހުރީ ކިރިޔާއެވެ. ލޮލުން ކަރުނަ ފޭބުން ފިޔަވާ އިތުރު ކަމެއް ނުވިއެވެ. އެއްޗެއް ބުނާނެހާ ހިތްވަރެއްވެސް ނީނާއަކަށް ނުލިބުނެވެ. މިހެން ހުއްޓާ އަނެއްކާވެސް އާޒިމް ވާހަކަ ދައްކަން ފެށިއެވެ. " ކަރުނަ ފޮހެފައި އާދޭ" ގޮތް ހުސްވެފައިވާ މީހެއްފަދައިން ނީނާ އާޒިމާއި އެކީ ހިނގައިގަތީ ގޭގެ އެތެރެއަށް ވަނުމަށެވެ.  

އާޒިމް ނުފެނިގެން ދެކޮޅަށް ހިނގާލަ ހިނގާލައި މީރާ ހުއްޓެވެ. އެއްފަރާތެއްގައި ހުރި މޭޒުގައި ހަރީރާއާއި ޒައިނަބު އިށީންދެލައިގެން ތިއްބެވެ. ޕާރޓީގެ މެހެމާނުންތައް މީހާރުވަނީ ކޮންމެވެސް ވަރަކަށް މަދުވެފައެވެ. މައިޝާއާއި ފާތުންނާއި އިއްބެއާއި ތިން މީހުން ސަކަރާތުގައި ތިބިތަން ފެނުނެވެ. " އެ އައީ އާޒިމް"  މީހުންގެ ތެރެއިން އާޒިމް އަންނަތަން ފެނުމުން ބޭ އިޚްތިޔާރުގައި މީރާ އަށް ބުނެލެވުނެވެ. އެވަގުތު ހަރީރާ އާއި ޒައިނަބަށްވެސް އެދިމާލަށް ބަލައިލެވުނީއެވެ. އެންމެންގެ ލޮލުގައި އަޅައިގަތީ އާޒިމެއް ނޫނެވެ. އާޒިމްގެ ފަހަތުން އައި ގޮތް ނޭނގޭ އަންހެން ކުއްޖާއެވެ. އިށީންދެގެން އިން ގޮޑިން ހަރީރާއަށް ތެދުވެވުނީ ބޭ އިޚްތިޔާރުގައެވެ. ހަރީރާގެ މޫނުމަތިން ހައިރާންކަން ފެނިފައި ޒައިނަބަށްވެސް ބަލައިލެވުނީ ހަރީރާގެ ނަޒަރު ހުއްޓިފައިވާ ދިމާލަށެވެ. އާޒިމްގެ ފަހަތުގައި ހުރި އަންހެން ކުއްޖާވީ ޒައިނަބު ދަންނަ ކުއްޖަކަށެވެ. އެހެންނަމަވެސް އެ އަންހެން ކުއްޖާ އާޒިމާއެކު މިގެއަށް އައި ސަބަބު  ޒައިނަބަށް ނުވިސްނުނެވެ. ލައިގެން ހުރި އާދައިގެ  ހެދުމާއި އަޅާފައިވާ ބުރުގާގެ އާދައިގެ ކަމުން އެއީ ވަރަށް އާދައިގެ ސާދާ ކުއްޖެއްކަން އެނގުނެވެ. އާޒިމް އައިގޮތައް އައިސް މަންމަގެ ކުރި މައްޗަށް ހުއްޓުނީ ނީނާގެ އަތުގައި ހިފާލައިގެން އައިހެވެ. އެވަގުތު ޖެހިގެން ހުރި މޭޒުގައި އިން މައިޝާވެސް ހައިރާންވެފައި ހުރެ ކޮޅަށް ތެދުވެލިއެވެ. އަދި މަޑުމަޑުން "ނީނާ" އޭ ބުނި އަޑު ފާތުންނަށް އިވިފައި ކުއްލިއަކަށް ފާތުން އެނބުރި ފަހަތް ބަލައިލިއެވެ. އާޒިމްގެ މަންމަ އަދިވެސް ހުރީ ވާނުވާ ނޭންގިފައެވެ. " ހުރިހާ ބޭފުޅުންވެސް ޕާރޓީއަށް އައިސްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ! ޕާރޓީ މިހާ ހިސާބުން ނިމުނީ" އާދައިގެ ގޮތަކަށް ޕާރޓީގެ މެހެމާނުންނާއި މުޚާތަބުކޮށް އާޒިމް ބުނެލިއެވެ. އާޒިމް މިހެން ބުނުމާއެކު ބާކީ ތިބި ހުރިހާ އެންމެން އެގެއިން ނުކުތުމަށް ހިނގައިގަތެވެ. ފާތުން ދުވެފައި ނީނާގެ ކައިރިއަށް ދާން ނެގި ފިޔަވަޅު ހުއްޓުނީ ހަރީރާ ވާހަކަ ދައްކަން ފެށުމުންނެވެ. " ދަރިފުޅާ! މިއީ ކޮން ކުއްޖެއް؟ މިގޭގަ ބަހައްޓަން ގެނައި ކުއްޖެއްތަ؟" އޯގާތެރިގޮތަކަށް ހަރީރާ ސުވާލުކޮށްލިއެވެ.  މަންމަގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އާޒިމް މަންމަގެ ގާތަށް ޖެހިލާފައި މަންމަގެ އަތުގައި ހިފާލިއެވެ. އަދި ނީނާއާއި ދިމާލަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ. " މިއީ އަހަރެންގެ އަންހެނުން މަންމާ..." އެވަގުތު އެތާގައި ތިބ އެންމެންގެ ދެލޯ ބޮޑުވެ އިތުރަށް ހައިރާންކަން ލިބިގެން ދިޔައެވެ. ޚާއްސަކޮށް ހަރީރާއެވެ. ފާތުން ހުރީ ނީނާއާއި ދިމާލަށް ކަޅި ޖަހައިނުލާ ބަލަހައްޓައިގެންނެވެ. ފާތުން ފެނިފައި ނީނާ ވާންވީ އުފާކަމެއް ނޫނީ ދެރަ ކަމެއް، ނީނާއަކަށް ނޭންގުނެވެ. ދާގޮތަށްގޮސް ފާތުން ގައިގައި އޮޅުލައި ގަންނަން ނީނާ ބޭނުންވިއެވެ. ނަމަވެސް އެ ހިތްވަރެއް ނީނާއަކަށް ނުލިބުނެވެ. " ކައިވެނި ކުރީއޭ! އަންހެނުންނޭ! އާޒިމް ކޮން އިރަކު ކައިވެނި ކުރީ،" އާޒިމްގެ ގައިގައި ހިފައި ތަޅުވާލަމުން ހަރީރާ ހަޅޭލަވަން ފެށިއެވެ. މައިޝާއަށް ދުރުގައި މަންޒަރު ބަލާކަށް ނުހުރެވުނެވެ. އައިގޮތަށް އައިސް ހަރީރާ ގައިގައި ހިފެހެއްޓިއެވެ. އަދި ހަރީރާ ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ. އެ ވަގުތު އެއީ އިއްބެވެސް ފޯނެއްގައި ހުރެފައި އައިސް އެތެރެއަށް ވަން ވަގުތެވެ. ނީނާ ފެނިފައި އިއްބެވެސް ހައިރާންވިއެވެ. އަދި އެގެއިން ނީނާ ފެނުން އެއީ އިއްބެގެ ހިތް ސުވާލު މާރކުތަކަކުން ފުރުނު ކަމަކަށެވެ. " އާނ މަންމާ! މީ އަހަރެންގެ އަނބިމީހާ" މަޑުމައިތިރި ކަމާއެކީ އާޒިމް މަންމަގެ މޫނުގައި ފިރުމާލަމުން ބުނެލިއެވެ. އާޒިމް ގެ ކިބައިން މި ފެނުނު މަޑުމައިތިރި ސިފަވީ ނީނާއަށް އާ ކަމަކަށެވެ. " ނޫން، މަންމަ ގަބޫލެއް ނުކުރާނަން، ކައިވެންޏަކީ ކުޅިވަރެއްކަމަށްތަ އާޒިމް ހީކުރީ، މަންމައަށް ނޭންގި، މަންމައަށް ސިއްރުން، ތިހެން ކައިވެނި ކުރެވޭތަ،" އަދިވެސް ހަރީރާ ހުރީ ގަބޫލުކުރަން ދަތިވެފައެވެ. " އާޒިމް ކީއްވެ އަހަރެމެން ގާތު ނުބުނީ، އާއިލާއަކީ އާޒިމަށް އެއްވެސް ބައެއް ނޫންތަ؟، ތިހެން ޓަސްލާފަ ކައިވެނި ކުރެވޭތަ، އާޒިމް އަހަރެމެންވެސް އާޒިމަށް ލިބޭ ކޮންމެ އުފަލެއްގަ ބައިވެރިވާން ބޭނުންވާނެކަން އާޒިމަށް ނޭނގުނުތަ؟" ހިތްހަމަނުޖެހިފައި ހުރެ މައިޝާވެސް އޭނާގެ ހިތުގައިވާ އުދާސްތައް ބޭރުކުރަން ފެށިއެވެ. ގޮތް ނޭނގޭ ބައެއްގެ ކައިރީގައި ހުރި ނީނާ ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އެތަނުން އޭނާ ދަންނަ މީހަކަށް ހުރީ ފާތުންނެވެ. ނަމަވެސް ފާތުންގެ ކައިރިއަށްގޮސް ހުއްޓިލާނެހާ ހިތްވަރެއް ނީނާއަކަށް ނުލިބުނެވެ. ދުރުހިލޭ ބީރައްޓެއްސެއް ފަދައިން އެތަނުގައި ހުންނަން ޖެހުނީއެވެ. " ނޫން އާޒިމް!، މަންމައަކަށް ގަބޫލެއް ނުކުރެވޭނެ، މަންމަ އާޒިމްގެ ކައިވެންޏައި މެދު ދެކުނު ފޮނި އުއްމީދުތައް ތި ފުޑުފުޑުކޮށްލީ، ތިއީ މަންމައަށް މަޢާފުކުރެވޭނެ ކަމެއްނޫން!" ރުޅިވެރިކަމާއެކީ އާޒިމާއި ދިމާލަށް މިހެން ބުނެފައި ހަރީރާ ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ދިޔަ މަގުމަތީގައި ރުޅިވެރި މޫނަކުން ނީނާއާއި ދިމާލަށް ހަރީރާ ބަލައިލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. އާޒިމްގެ މަންމަގެ ރުޅިވެރި މޫނު ފެނިފައި ނީނާ އިތުރަށް ބިރު ގަންނަން ފެށިއެވެ. އެދުވަސް އޭނާގެ ހަޔާތަށް އައުމުގެ ބަދަލުގައި ޒާހިރު އާއި ކައިވެނިކޮށްގެން ބަންދު ކޮޓަރިއެއްތެރޭ އިނުންވެސް އޭނާގެ ހިތައް މާ ލުއިވާނޭ ހީވިއެވެ. ބިރުން ހުރެ ނީނާ އިސްދަށަށް ޖަހައިލިއެވެ. މައިޝާގެ މޫނުމަތީންވެސް ފެންނަނީ ހިތްހަމަނުޖެހުމެވެ.  " ނީނާގެ ފަރާތުން ތިކަހަލަ ކަމެއް ކުރާނެ ކަމަކަށް އަހަރެން އުއްމީދެއް ނުކުރަން،" ހިތްހަމަނުޖެހިފައި ހުރެ މައިޝާ ނީނާއާއި ދިމާލަށް މިހެން ބުނެފައި އެތަނުން ހިނގައގަތެވެ. މަންމަގެ ނުރުހުމާއި ރުޅިވެރިކަން އިހުސާސްވުމުން އާޒިމްގެ ހިތައް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ.. އަދި އޭނާއަށް ކުރެވުނު ކަންތަކާމެދު ދެރަ ހީވާންފެށިއެވެ.  އާޒިމް ދެލޯ މަރައި ބާރުކޮށްލިއެވެ. ހާލަތުގެ ގޮތުން އިއްބެއަކަށް އެއްވެސް ސުވާލެއް ކުރާކަށް ނުކެރުނެވެ. އޭނާ ފަހުން އާޒިމާއި ވާހަކަ ދައްކާނެއެވެ. އަދި ކަންވީގޮތް އޮޅުން ފިލުވާނެއެވެ. އިއްބެގެ ހިތުގައި ނީނާއާއި ދޭތެރޭ އެއްވެސް ހިތްބުރަކަމެއް ނެތެވެ. " ދަރިފުޅާ، ކެތްތެރިވޭ،، މަންމަގެ ބަސްތައް ހިތުން ފޮހެލާ.. މަންމަ ހަމަޔަކަށް އެޅުނީމަ އާޒިމާއި ވާހަކަ ދައްކާނެ... ދައްތަޔަށްވެސް ނުވިސްނެނީ ސިއްރުން ކައިވެނި ކުރަންޖެހުނު ސަބަބެއް؟" ޒައިނަބުގެ އޯގާތެރި ބަސްތަކުން އާޒިމްގެ ހިތަށް ކުޑަ ލުޔެއް ލިބުނު ނަމަވެސް، މަންމަގެ ބަސްތަކުން އާޒިމްގެ ހިތްވަނީ ކުދިކުދި ވެފައެވެ. ނީނާގެ ގާތަށް ޖެހި ނީނާގެ މޫނުގައި ފިރުމާލާފައި ޒައިނަބު ދިޔައީ ހަރީރާގެ ގާތަށެވެ. ނީނާ އަކީ ރަނގަޅު ކުއްޖެއްކަން އޭނާ ހަރީރާއަށް ވިސްނައިދޭނެއެވެ. މިކަންވީ ނީނާގެ ހިތައް ކުޑަ ހިތްހަމަޖެހުމެއް ލިބުނު ކަމަކަށެވެ.    

ނީނާއާއި އާޒިމްގެ ސިއްރު ކައިވެނީގެ ސަބަބުން އާޒިމްގެ މަންމައާއި އާއިލާގެ މީހުންނަށް ކުރާނެ އަސަރު އާޒިމަށް ތަސައްވަރުވެސް ކޮށްނުލެވެއެވެ. އޭނާގެ ހަރުކަށި ރުޅިވެރި ނިންމުމުގެ ސަބަބުން ނީނާގެ ހިތައް ކުރާނެ އަސަރާއި ދޭތެރޭވެސް އާޒިމް ނުވިސްނައެވެ. އާޒިމަކީ އެހެން މީހުންގެ އިހުސާސްތަކާއި މެދު ވިސްނާ މީހެއް ނޫންކަން ހަރީރާއަށް ޔަގީންވިއެވެ. އާޒިމްގެ ސަބަބުން އޭނާގެ މަންމަޔަށް އެދެވުނީ ކިހާވަރެއްގެ ހިތްދަތި ކަމެއްކަމެއް އާޒިމަށް ވަޒަންވެސް ކޮށްނުލެވުނެވެ. އިރުކޮޅަކުން ޒައިނަބު ބާރަށް ހަޅޭލަވައިގަތް އަޑު އިވިފައި އެންމެން ދުއްވައިގަތީ ސިޑިން މައްޗަށް އެރުމަށެވެ.


(ނުނިމޭ)

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ