މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: މިހިތުގެ މަލިކާ - 1

އޮއްސެމުންދިޔަ އިރަށް ބަލަހައްޓައިގެން އަޒީމްއަށް ހުރެވުނީ އެ ރީތި ޤުދުރަތީ މަންޒަރުގެ ހިތްގައިމުކަމުން އާޝޯހުވެފައެވެ. އައި.ޖީ.އެމް.އެޗް އިން ނުކުމެގެން އައިސް ރަސްފަންނުގައި ހުރި އަރާމު ޖޯއްޔެއްގައި އިށީނދެލައިގެން އެ އިނީ ސިކުނޑީގައި ހިނގަމުންދާ ހައިޖާނަށް ލުޔެއް ހޯދުމުގެ ނިޔަތުގައެވެ. އުޅަނބޮށްޓާއި ހަމައަށް އޮޅާލާފައިވާ ގަމީހުގެ އަތްވެސް ފަރުވާކުޑަ ގޮތަކަށް ތިރިކޮށްލީ އުޑު މައްޗަށް ނަޒަރު ހިންގަމުންނެވެ. ބަލިމީހުން ބެލުމަށް ހަވާލުވެފައިވާ ދަންފަޅި ނިމުނަސް މިއަދު ގެޔަށްދާކަހަލަ ޚިޔާލެއް އޭނާގެ ނެތެވެ. އަނެއްކާވެސް އައު އުންމީދުތަކެއް ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ފަނަރަ އަހަރުވެސް ކެތްކުރެވިއްޖެއެވެ. ދެންވެސް އެގޮތް އޮންނާނެ ނޫން ހެއްޔެވެ؟ މިފަދަ ޚިޔާލުތަކެއްގައި ހުރުމަށްފަހު އަޒީމް ގެޔަށް ދިޔައީ ޢިޝާ ނަމާދުވެސް ކޮށްގެނެވެ. . އަޒީމްއަކީ އައި.ޖީ.އެމް.އެޗްގައި ހީވާގި ކަމާއެކު މަސައްކަތް ކުރާ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެކެވެ. މިދުވަސްކޮޅަކީ ބޮޑު ޗުއްޓީއަށް ސުކޫލްތައް ބަންދުވެފައިވާ ދުވަސްކޮޅުކަމުން ހޮސްޕިޓަލުން ފެންނަނީ ހަލަބޮލި ކަމެވެ. ވުމާއެކު އަޒީމް ކުރަމުންދިޔަ މަސައްކަތް އެތައް ގުނައެއް އިތުރުވެގެންދިޔައެވެ. އޭނާ ބޭނުންވަނީވެސް އެ ގޮތެވެ. މަސައްކަތް ބުރަވިވަރަކަށް އެހެން ކަންތައްތަކާއިމެދު ވިސްނަން ލިބޭ ވަގުތު މަދުވާނެތީއެވެ.

ލޯބި ދެހިތެއް ގުޅުވުމުން

ފުރަތަމަ ހިފޭނެ އަމާޒަކީ

ލޯބިވެތި ކައިވެންޏެކޭ

މީ ކަން ހިނގާ ޤާނޫނަކީ..
 
ގޭގެ ދޮރު ހުޅުވައިލުމާއެކު ކަންފަތުގައި ޖެހުނު ލަވައިގެ އަޑުން އަޒީމް ހުއްޓުން އެރިއެވެ. އެވަގުތު އަނދިރިކަމުން ފުރިގެންވީ އެތަނަށް ފަނޑު އަލިކަމެއް ވެރިވިއެވެ. ކުރިމަތީގައި ތިބީ އޭނާގެ ކުޑަކުޑަ ޢާއިލާއެވެ. ޒައިނަބުއާއި ޒައިނާއެވެ. 
 
"ބައްޕާ! އަދިވެސް ނުވަދެ ހުންނަނީތަ؟ ޒައިނާ މޮޅު ދޯ ލަވަ ކިޔަން؟" ޒައިނާ އޭނާގެ ބައްޕަގެ އަތުގައި ހިފައިގެން ގެނެސް އެތެރެޔަށް ވެއްދިއެވެ. އެވަގުތު މުޅި ތަން ޒީނަތްތެރިކޮށްފައިވާލެއް ފުރިހަމަކަން ފެނި، ދަރިފުޅުގެ ހުނަރުވެރިކަމަށް ހިތާއި ހިތުން ތަޢުރީފު ކޮށްލެވުނެވެ. ދުރުގައި އިން ޒައިނަބު އައިސް ސޯފާގައި އިށީނދެލީ ޒައިނާ ގޮވުމުންނެވެ. އަޒީމްވެސް ޒައިނަބުގެ ކައިރީގައި އިށީނީ އާދައިގެ މަތިން ކޮންމެ އަހަރަކުވެސް ޒައިނާ އެދޭ އެދުން ފުރިހަމަކޮށް ދިނުމުގެ ގޮތުންނެވެ. ކޮންމެ އަހަރެއްގެވެސް އެދެމަފިރިންގެ ކައިވެނި ކުރެވުނު ތާރީޚަކީ މުޅި ކަލަންޑަރުންވެސް ވިދާ ބަބުޅާނެ ދުވަހެއްގެ ގޮތުގައި ހެދުމަށް ޒައިނާ ދުރާލާ ތައްޔާރުވާނެއެވެ. 

ރޭގަނޑުގެ ޚާއްޞަ ކެއުމަށްފަހު އަޒީމް އެނދުގައި އޮށޯވެލީ ވަރުބަލިކަން އިޙުޞާސް ކުރެވެން ފެށުމުންނެވެ. ފަތިހުންސުރެ މަސައްކަތުގައި އުޅުމުގެ ސަބަބުން އޭނާގެ ބޮލަށްވަނީ ބަރުވެފައެވެ. އަރާމު ނިންޖަކަށް އެދިގެން ދެ ލޯ މަރައިލިވަގުތު ބާރަކަށް ދޮރު ލެއްޕުނު އަޑު އިވިގެން ދިޔައެވެ. އެކަމަކު އަޒީމް އެއޮތް ގޮތަށް އޮތީއެވެ. އިރުކޮޅެއްފަހުން އޭނާގެ މޫނުގައި އެއްޗެއް އައިސް ޖެހުމުން ކުއްލިއަކަށް ދެ ލޯ ހުޅުވާލާފައި ތެދުވިއެވެ. އޭރު ކުރިމަތީގައި ހުރި ސޯފާގައި ޒައިނަބު އިނީ ރުޅިގަދަވެފައެވެ. "ބަލަ މިހާރު ކޮންކަމެއް؟ ކީއްވެގެންތަ ތި އަލްބަމަށް ވަރުތިއަރުވަނީ؟ އަހަރެންނަށް ދެރައީ ތި ފޮޓޯތައް ޒައިނަބު ނަގާކަން. ކޮންމެ އަހަރަކު.. ތިހާ ރުޅިއެއް އަންނަންޏާ ކީއްކުރަން؟" އުނގުގައި އޮތް އަލްބަމުގައި ހުރި ފޮޓޯތައް ވީދަމުންދިޔަ ޒައިނަބު ރުޅިވެރިކަމާއެކު އަޒީމްއަށް ކަޅިއެއް އެއްލިއެވެ. "އަދިވެސް މަ ދޯ ގޯސްވީ! އާން.. ކަލޭ ކުރާ ދެރަ ކަންކަމެއް ނުފެންނާނެ! ކަލޭއާއި ހެދިގެން މަގޭ މުޅި ދިރިއުޅުން ހަލާކުވެއްޖެ! ދާކަށްވެސް އުޅެނީއެއްނޫނޭ އެއްޗަކު! އެހެން މީހުންގެ ލޯބި ހޯދަން.. އާން އޭރުން އެންމެން އަބަދު ކިޔާނެއެއްނު.. ކަލޭތީކީ އެއްވެސް ރަނގަޅު މީހެއް ނޫން. މަށަށް ޖެހިފައިހުރި ބޮޑު.." ޒައިނަބު އެއްޗެހި ކިޔަމުން އައިސް އަޒީމުގެ މޭމަތީގައި ޖެހިއެވެ. "ޒައިނަބު!! ހުއްޓާލާ! ދެން އެންމެ ލަފުޒެއްވެސް ބޭރުކޮށްގެން ނުވާނެ! އާން. މުޅި ދިރިއުޅުން ހަލާކުވެއްޖެ! އެކަމަކު އެއީ ހަމަ ތި އިންސާނާގެ ސަބަބުން. އަހަރެން ހާދަވަރަކަށް ކެތްކޮށްފީމޭ. ފަނަރަ އަހަރު. ފަނަރަ އަހަރު މިވަނީ. އިންސާނަކަށް ކެތްކުރެވިފައެއްނު ހުންނާނީ. ކަލޭގެ މުޑުދާރުކަން، ކަލޭގެ އަނިޔާ، ކަލޭގެ ނަފުރަތު.. ކޮންމެ ދުވަހަކު. އެކަމަކު މިދުލުން ނުރުހުމުގެ އެންމެ ބަހެއްވެސް ބުނިންތަ؟" އަޒީމްއަށް ރޮވޭގޮތްވިއެވެ. "ކޮންމެ ދުވަހަކު އަހަރެން ކެތްތެރިކަން މި އިސްކުރަނީ އެދަރިފުޅަށްޓަކާ! މިޢާއިލާ އެކުގައި، އުފަލުގައި އަބަދުވެސް އުޅޭތަން ދެއްކެވުން އެދި އެ މައުސޫމު ދަރި ކުރާ ދުޢާ މި ދެ ކަންފަތުން އަޑު އިވޭތީ! ކޮންމެހެން މީހެއްގެ ދިރިއުޅުން ހަލާކު ކުރާކަށް ނޫން! އެކަމަކު ލޯބިވާން ނޭނގޭ ހިތަކަށް ވިސްނައިދީ ކުރާނީ ކީއް؟" ޒައިނަބުގެ ދެ އަތުގައި ހިފައި އެނދު މައްޗަށް ކޮށްޕާލަމުން އަޒީމް ކޮޓަރިން ނުކުމުގެން ދިޔައެވެ. "ކަލޭއަށް ކުޅިސަމާ ދައްކާލާނަން! މާ މާތް މީހެއް ދެން! ނުކެރޭނެވިއްޔާ ވަރި ކުރާކަށް!" ޒައިނަބު އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން އެނދުމަތީގައި ހުރި ބާލީސްތައް އުކަން ފެށިއެވެ.

މއ. އޯކިޑްގޭގެ ހަވަނަ ފަންގިފިލާގެ ފެންޑާ ތެރޭގައި ހުރި އުނދޯންޏެއްގައި އިށީނދެލައިގެން ޒައިނާ އިނީ ފުން ވިސްނުމެއްގެ ތެރެޔަށް ގެއްލިފައެވެ. މީހުން ހިތަށް އަރާނެދޯއެވެ! އޭނާގެ ދިރިއުޅުން ހާދަހާވާ ފުރިހަމައެވެ! ނެތީ ކޯއްޗެއް ހެއްޔެވެ؟ އެންމެ ޒަމާނީ ފެންވަރަށް ހަދާފައި ހުރި، ގަނޑުވަރެއްފަދަ ޗާލު ގެއެކެވެ. އެވަގުތަކު ބޭނުންވި ކޮންމެ އެއްޗެއް ވަގުތުން ލިބޭނެހާ މުއްސަނދި ދިރިއުޅުމެކެވެ. އެކަމަކު މީހުންނަށް އޭނާގެ ހަޤީޤީ ބަދުނަސީބުވެރިކަން ނުފެންނަނީތާއެވެ! 

"ދަރިފުޅާ!" ޒައިނާ ސިއްސައިގެން ދިޔައީ އޭނާގެ ބައްޕަ ގޮވާލުމުންނެވެ. "ބައްޕަ! މީ.. އަޅުގަނޑު.. ނިދިނާންނާތީ!" ލޮލުން ފައިބަމުން ދިޔަ ކަރުނަ ތިކިތައް އަވަސް އަވަހަށް ފޮހެލީ އަނެއް ފަރާތަށް އެނބުރެމުންނެވެ. އަޒީމް ފުން ނޭވާއެއް ދޫކޮށްލީ އުނދޯލީގައި އިށިންނަމުންނެވެ. "ދަރިފުޅު ކީއްވެގެންތަ މިތާ ތި އުޅެނީ؟ ގައިމު ބައްޕަމެން ބައިގަ އެހެރީ ކޮޓަރިތައް ހުސްކޮށް." ޒައިނާ އިސްޖަހައިލިއެވެ. "އަޅުގަނޑަށް މާ ފަސޭހަ މިތަން. ކިޔަވަންވެސް. އެހެންނޫނަސް ޝެރީން ދައްތަ އާދެއެއްނު! އަޅުގަނޑަށް މާ މަޖާ ކުރެވޭ..." އަޒީމް އެދަރިފުޅުގެ ބޮލުގައި ފިރުމައިލިއެވެ.

"ދަރިފުޅާ! ބައްޕަ އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ ދަރިފުޅު ކައިރީގައި. ބައްޕަ މި އުޅެނީ.." "ނޫން ބައްޕާ! އަޅުގަނޑުމެން ދޫކޮށްފައި ބައްޕަ ނުދާތި! ޕްލީޒް ބައްޕާ! މަންމައަށް އަދި ވިސްނޭނެ! ލޯބިވެސް ވާނެ.." ޒައިނާ އަޒީމްގެ އަނގަމަތީގައި އަތްއަޅަމުން ރޯން ފެށިއެވެ. "ބަލަ ދަރިފުޅާ! ޒައިނާ! ބައްޕަ ކޮންއިރަކުތަ ބުނީ ދަރިފުޅުމެން ދޫކޮށްލާ ވާހަކަ؟ ދަރިފުޅާ! ބައްޕަގެ ފުރާނަ ހުރިހާ ހިނދަކު ބައްޕަ ކިހިނެއް ދަރިފުޅުމެންނާ ވަކިން އުޅޭނީ؟ މަންމަ އެހެން އުޅުނަސް، ބައްޕަ ވަރަށް ލޯބިވޭ! ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވޭ! ތި ދެލޮލުން ހިތާމައިގެ އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭކަށް ބައްޕަ ނޭދެން.." އަޒީމްއަށްވެސް ރޮވުނެވެ. "ދަރިފުޅާ! ހަމަޖެހިލަބަލަ! ހިނގާ ފެން ތަށްޓެއް ބޯލަން ދާން!" އަޒީމް ބެލީ ޒައިނާ ހަމަޔަކަށް އެޅުވޭތޯއެވެ. "ދެން ބައްޕަ.. ކޮން ވާހަކައެއް؟" ޒައިނާ ސުވާލުކޮށްލިއެވެ. އަޒީމް ގޮަސް ބެލްކަނީގެ ދޮރުގައި އަތްއަޅުވާލިއެވެ. "ބައްޕަ އެބަޖެހޭ ރަށުން ބޭރަށް ދާން! ތިން މަސް ދުވަހަށް." "އެއީ؟ ކޮން ތަނަކަށް؟ ކީއްކުރަން؟" އަޒީމްގެ ތުންފަތް މައްޗަށް ހިނިތުންވުން ވެރިވީ އެސުވާލުތައް އަންނާނެކަން މާކުރިންވެސް އޭނާއަށް އެނގޭތީއެވެ. އަލުން އައިސް އުނދޯލީގައި އިށީނދެލަމުން ދަރިފުޅުގެ އަތުގައި ހިފައިލިއެވެ. "އައްޑުއަށް.. އައްޑޫ ހޮސްޕިޓަލުގައި ތިން މަސް ދުވަހު މަަސައްކަތް ކުރަންދާން ޖެހިގެން. ބައްޕަ ވަރަށް މަސައްކަތް ކުރިން ނުދާންވެގެން. އެކަމަކު އިތުރު ގޮތެއް ނެތީމަ.. ދަރިފުޅު ބޭނުމިއްޔާ ހިނގާ ދާން. ސްކޫލް ހުޅުވެންވީމަ ބައްޕަ އަންނާނަން ދަރިފުޅު ލާން މިކޮޅަށް.." އަޒީމް ބަލައިލީ ޒައިނާގެ މިލާފައިވާ މޫނަށެވެ. "ނޫން ބައްޕާ! ބައްޕަ ވާނެ ދާން! އެމީހުންނަށް ބައްޕަގެ އެހީތެރިކަން މުހިންމުވާނެ. ދެން.. އަޅުގަނޑު ގޮސްގެން ފޫހިވާނީއެއްނު ހަމަ ގޭގަ!" ޒައިނާ ދެތުންފަތް އޫކޮށްލިއެވެ. އަޒީމް މަޑުމަޑުން ހީލިއެވެ. "ބައްޕައަށް އެނގޭ ތިހެން ބުންޏަސް ބައްޕަ ނެތިއްޔާ ދަރިފުޅު މާ ބޮޑަށް ފޫހިވާނެކަން. އެކޮޅަށް ގޮސް، ބައްޕަ ހުސް ވާ ހުރިހާ ވަގުތެއް ދަރިފުޅަށް! އޯކޭ؟ އެއް މަަސް ދުވަހު ދަރިފުޅަށް އިނދެވޭނެ އެއްނު. ދެން ބާކީ އެންމެ ދެ މަސް އިންނާނީ. ބައްޕަ އަންނާނަން ހަމަ ބުއްރޫސް ޖަހާފަ!" އަތުން އިޝާރާތްކޮށްލަމުން އަޒީމް ޒައިނާއާއި ސަމާސާކޮށްލިއެވެ. ދަރިފުޅާއެކު އެގޮތަށް ހޭދަކުރެވޭ ކޮންމެ ވަގުތުކޮޅަކީ އެހެން ހުރިހާ ކަމެއްމަތިން ހަނދާން ނެތޭފަދަ އުފާވެރި ވަގުތުކޮޅެކެވެ. 
 
އެރޭ އަޒީމް މަޑުކުރީ ޒައިނާގެ އެޕާރޓްމަންޓްގައެވެ. ޒައިނަބުގެ ރުޅިވެރިކަމާއި ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ގައިގައި ނެތެވެ. ބެލްކަނީގައި ހުރި ކޮފީ މޭޒު ކައިރީގައި އަޒީމް އިށީނދެލައިގެން ހުރިއިރު މުޅި ތަނަށް ވެރިވެފައިވަނީ ދަންވަރުގެ ހަމަހިމޭންކަމެވެ. ޙަޔާތާއިމެދު ވިސްނާލުމުން އޭނާގެ ބޮލުގައި ގަދަޔަށް ރިހެން ފެށިއެވެ. އޭނާވެސް ކައިވެންޏެއްކޮށް، އަނބިދަރިންނާއެކު އުފާވެރި ދުވަސްތަކެއް ވޭތުކުރުމުގެ ހުވަފެންތައް ދެކުނެވެ. އެހެނަސް ޢުމުރުން ސާޅީހާއި ގާތްވެފައިވާއިރުވެސް އެހުވަފެންތަކުގައި ހަޤީޤީ ކުލަ ޖެހެމުން ނުދާކަމީ އޭނާ އިންތިހާއަށް ހިތާމަ ކުރާ ކަމެކެވެ. 
 
"ދަރިފުޅާ! ބައްޕަގެ ވަރަށް ބޮޑު އެދުމެއް އެބައޮތް! ބައްޕަ އުންމީދު މިކުރަނީ ދަރިފުޅު ބައްޕައަށް މިކަން ކޮށްދޭނެ ކަމަށް." އަޒީމްގެ ހަނދާނަށް އައީ ރާއްޖެއިން ބޭރުން ކޯސް ނިންމާފައި އެނބުރި އައުމުން އޭނާގެ ބައްޕަ ދެއްކި ވާހަކަތަކެވެ. "މާތް ﷲ އިރާދަކުރެއްވިއްޔާ ބައްޕަ އެދިލެއްވި ކޮންމެ ކަމެއްވެސް އަޅުގަނޑު ކޮށްދެވޭތޯ ބަލާނަން!" އެދުވަހު ބައްޕަގެ ގާތުގައި އެ ވަޢުދު ނުވެވުނުނަމައޭވެސް އަޒީމްގެ ހިތަށް އަރައެވެ. ދެ ޢާއިލާއެއްގެ ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި އޭނާގެ ދިރިއުޅުން ބަރުބާދު ނުކޮށްލެވުނުނަމައެވެ. 

އަޒީމްއާއި ޒައިނަބުގެ ކައިވެނީގެ ކަންކަން އެންމެ ފުރިހަމައަށް ކުރިޔަށް ގެންދިއުމަށް ދެ ފަރާތުގެ ޢާއިލާއިން ޖާނާއި މާލުން ޤުރުބާންވަމުން ދިޔައިރު އެ ދެ މީހުންނަށް އެކަކު އަނެކަކާއި ބައްދަލުވެ، ވާހަކަ ދައްކައިލުމުގެ ފުރުޞަތުވެސް ނުލިބެޔޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެހެނަސް އަޒީމް އެއްވެސް ޝަކުވާއެއް ނުކޮށް ހުރީ އޭނާގެ މައިންބަފައިންގެ ހޮވުން ފުރިހަމަވާނެކަން ޔަޤީންކޮށްގެނެވެ.

އޭނާގެ ޙަޔާތަށް ކުރިމަތިވަމުންދިޔަ ކަޅު އަނދިރިކަމުގެ ހިލަމެއް ނުވާ ޙާލުގައެވެ. 

 
(ނުނިމޭ)

މިލިޔުން ކިޔާލުމުން

63%
އުފާވި
13%
ދެރަވި
13%
ހިނިއައި
13%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ