މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: މިހިތުގެ މަލިކާ - 2

އެދެމަފިރިންގެ ކައިވެނީގެ ޙަފްލާ ނުހަނު ކުލަގަދަކޮށް ބޭއްވިގެން ދިޔައިރު، އަޒީމް އަދިވެސް ހިތުން ނުފިލާނެ ހަދިޔާއެއް އެ ދުވަހު އޭނާއަށް ލިބުނެވެ. ޒައިނަބާއި ވާހަކަ ދައްކާލައި، އެކުވެރިކަން ޙިއްޞާ ކުރުމުގެ އުންމީދުގައި ގެޔަށް އައި ވަގުތު އޭނާގެ ކޮލަށް ލިބުނު ހޫނު އެތިފަހަރެވެ. "ކަލޭ ތީ ހާދަ ލަދު ޙަޔާތް ކުޑަ މީހެކޭ! ހީކުރީ ދޯ މި ކައިވެނި ކުރެވުނީމަ ކަލޭއަށް އާސްމާނަށް އެރެވުނީއޭ! މިއީ ހަމަ ކަލޭގެ ނުބައިކަމުން ވީ ކަންތައް! މަގޭ ބައްޕައަށްވެސް ކަލޭ ނޫން މީހެއް ނުފެނުނީތަ އަޅެ؟! ކަލޭ ހަނދާން ކުރާތި... ކިތަންމެ މުއްސަންޖަސް، ކިތަންމެ މާތްކަމަށް ހެދިގެން އުޅުނަސް އަހަރެންގެ ހިތަކުން ކަލޭއަށް އެއްވެސް ޖާގައެއް ނުދޭނަން!" އެހަނދާންތައް އައުވުމުން އަޒީމްގެ ލޮލުން ކަރުނަތައް ފައިބައިގަތެވެ. މީހުން ބުނެއެވެ. ކައިވެންޏަށްފަހު ލިބޭ އަނިޔާއަކާއި ދެރައެއްވެސް ލިބޭނީ ނިކަމެތި އަންހެން ކުދިންނަށެވެ. އެހެނަސް އޭނާގެ ކައިވެންޏަށްފަހު އެހިތަށް ނުލިބެނީ ކޮން އަނިޔާއެއް ހެއްޔެވެ؟ އަނބިމީހާގެ ބޭވަފާތެރިކަމުގެ އަޑުތައް އިވިއިވި އޭނާ ވަރުބަލި ވެއްޖެއެވެ. އަނިޔާއަކީ ހަމައެކަނި ތަޅައި މެރުން ހެއްޔެވެ؟ ފިރިއަކަށް ލިބެންޖެހޭ އެއްވެސް ޙައްޤެއް ނުލިބި ފަނަރަ އަހަރު ވޭތުކުރަން ޖެހުން އެއީ އިންސާނަކަށް ލިބޭ ކިހާ ބޮޑު އަނިޔާއެއް ހެއްޔެވެ؟ ދެން ބުނާނެއެވެ! ވަރި ނުކުރަނީ ކީއްވެ ހެއްޔެވެ؟ އާނއެކެވެ! އެއީ އޭނާގެ ފިނޑިކަމުންނެވެ. ކައިވެންޏަށް އަހަރެއް ވީއިރު އަތްމައްޗަށް ލިބުނު ދަރިފުޅަށް މަންމައާއި ބައްޕަގެ ލޯބި ދީ، އެދަރިފުޅުގެ ޙަޔާތް އުޖާލާ ކުރުމަށްޓަކައި ކެތްތެރިކަން އިސްކުރުމަކީ އަހަރެންގެ ކުށެވެ. އެކަމަކު އެދަރިފުޅުގެ އޮތީ ފަހެ ކޮން ކުށެއް ހެއްޔެވެ؟ ބަނޑު އަޅައި ވިހޭ މައިމީހާގެ އަމިއްލަ މިނިވަންކަމާއި ރީތި ބުރުސޫރަ ގެއްލޭނެކަމަށް އެދަރިފުޅަށް ކުރާ ނަފުރަތަކީ އެކުއްޖާ އަމިއްލައަށް ހޯދައިގަތް އެއްޗެއް ހެއްޔެވެ؟

ފަތިހުގެ ހިތްގައިމު ވަގުތުގައި އާދައިގެމަތިން އަޒީމް ދުވަން ނުކުތީ މާދަމާގެ ދަތުރަށް ތައްޔާރުވުމަށް ކުރަންހުރި ކަންކަން ސިކުނޑީގައި ނޯޓު ކުރަމުންނެވެ. މުޅި ރޭ ނިދިން މަހުރޫމުވުމުގެ ސަބަބުން ބޮލަށް ބަރުވެފައިވިޔަސް ކުރަންހުރި މަސައްކަތްތައް ގިނަކަމުން، ހަށިގަނޑުގައި އަޅާ ރިހުމަކަށް އޭނގެ ފަރުވާލެއް ނެތެވެ. 

"ބާއްޖަވެރި ހެނދުނެއް! ދަރިފުޅު!" އިސްތަށިގަނޑު ގަތަމުން ކޮޓަރިން ނިކުތް ޒައިނާ ފެނި އަޒީމް ގޮވާލިއެވެ. "ވައި ކާންޓް އިޓް ޖަސްޓް ބީ އަ މޯރނިންގ؟" މޫނު ކުނިކޮށްލަމުން ޒައިނާ ބަލައިލުމުން އަޒީމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. "ހުމްްމް.. ރޭގައި ބައްޕަ ދެއްކި ވާހަކައަށް ޖަވާބެއް ލިބޭނެކަމަށް މިއައީ!.. މްމްމް..؟" އަޒީމް ބަލައިލީ ޒައިނާގެ ދެލޮލަށެވެ. "ބައްޕަ! އަޅުގަނޑު.. އޭރުން މަންމަ ފޫހި.." ހަދަންވީ ކިހިނެއްކަމެއް ޒައިނާއަކަށް ނޭނގުނެވެ. ބައްޕައާއި ނުލައި އެހާ ދުވަހު އޭނާއަށް ކެތްނުކުރެވޭނެކަމީ ޔަޤީން ކަމެކެވެ. އެކަމަކު ބައްޕައާއެކު ގޮސްފިނަމަ މަންމަ އުޅޭނެ ގޮތްވެސް އޭނާއަށް ރަނގަޅަށް އެނގެއެވެ.

އަޒީމް އެދަރިފުޅުގެ ބޮލުގައި ފިރުމައިލިއެވެ. އެއީ ޒައިނާއަށް އުނދަގޫ ނިންމުމަކަށްވާނެކަން އޭނާއަށް މާކުރިންވެސް އެނގެއެވެ. ހުދު އޭނާއަށްވެސް ދަރިފުޅާއި ވަކިން މާ ދުރުގައި އުޅޭކަށް ފަސޭހައެއް ނުވާނެއެވެ. ޚާއްޞަކޮށް ޒައިނަބު ކައިރީގައި ދަރިފުޅު ބަހައްޓާފައެވެ. ޒައިނަބުގެ ހިތުގައި އެކުއްޖާއަށް ލޯތްބެއް ނުވާކަން އެނގެނީ އޭނާއަށް އެކަންޏެއް ނޫނެވެ. ޒައިނާގެ ޅަ ސިކުނޑިވެސް އެޙަޤީގަތް ޤަބޫލު ކުރެއެވެ.

އަޒީމްގެ ހަރަކާތްތައް މިއަދު އަވަހެވެ. އެމޫނުމަތިން ހާސްކަން ފިލައި ނުދެއެވެ. "ޕްލީސް!" ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ މީހަކު ފަހަތުން އައިސް ކޮނޑުމަތީގައި ޖަހައިލުމުންނެވެ. "މާ ހާސްބޮޑުކޮށްލައިގެން ތި އުޅެނީ! ހަމަޖެހިބަލަ! އަހަރެންނަށް ހަމަ ހީވާ އެއްޗެއް ބުނަންތަ؟ މި ދަތުރަކީ އަޒީމްއަށް އެއްބަސްވާން އުނދަގޫ ކަމަކަށްވިޔަސް، މިއީ ތިޙަޔާތް ބަދަލުކޮށްލާނެ ދަތުރެއް! އަހަރެންގެ ހިތް ބުނަނީ ހަމަ އެހެން.." ނިހާދު ފުޅާ ހިނިތުންވުމަކާއެކު ކައިރީގައި ހުރި މޭޒުގައި ލެނގިލިއެވެ. ނިހާދުއަކީ އަޒީމްގެ ޙަޔާތުގެ އަނދިރިކަން އެމީހަކާ ހިއްސާ ކުރާ އެކުވެރިޔާއެވެ. އަޒީމް ބޯ ޖަހައިލީ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ހޯދުމުގެ ބޭނުމުގައެވެ.
 
ދަންވަރުގެ ހަމަހިމޭން ވަގުތުގައި އެއަރޕޯޓުގެ ގޮނޑިބަރިއެއްގައި އިށީނދެގެން އަޒީމް ހުރީ އޭނާގެ ކޮނޑުގައި ބޯ އަޅައިލައިގެން އޮތް ލޯބި އަންހެން ކުއްޖާއަށް ބަލާށެވެ. އެލޯބި މޫނަށް ބަލައިގެން ދުނިޔޭގެ ހުރިހާ އުފަލެއްވެސް އޭނާއަށް ލިބޭ ކަހަލައެވެ. ޒައިނާއަށް އޭނާއާއި ނުލައި ނޫޅެވޭނެކަން އެނގޭއިރު، މުޅި ދުވަސް ހާސްކަމުގަައި ވޭތުކުރެވުނީތީ އަޒީމްއަށް އަމިއްލަ މީހާގެ މޮޔަކަން ހީވެފައި ހެވުނެވެ.

ލޯބި ބައްޕަޔާ ވަކިން 
ނޭދެމޭ އުޅެން އިނގޭ
ބައްޕަ އުފާކޮށް ދިނުމޭ
ބޭނުމީ އިނގޭ...

ޒައިނާއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ކަންނެތް ގޮތަކަށް ދެ ލޯ ހުޅުވާލަމުން ފޯނު ހޯދަން ފެށީ ރުންކުރު ގޮތަކަށެވެ. "ބާއްޖަވެރި ހެނދުނެއް!" އޭނާގެ ކަންފަތުގައި އެއަޑު ޖެހުމާއެކު މޫނުގެ ކުލަވަރު ބަދަލުވެ، ދެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ. "ދަރިފުޅަށް ނިދިފައި އޮތީމަ ނުގޮވާ މިއައީ އެނގޭ! ބައްޕަ ބްރޭކް ގަޑީގައި ދާނަން. ގޭގައި އުޅޭނެ ދައްތައެއް. ބައްޕަ ބުނިން ދަރިފުޅު ހޭލަންދެން މަޑުކޮށްލަދެއްޗޭ." ފުރަތަމަ ދުވަހުވެސް ދަރިފުޅު އެކަނި ބާއްވާފައި ޑިއުޓީއަށް އަންނަން ޖެހުމުން އަޒީމް ހުރީ ހިތް ނުތަނަވަސް ވެފައެވެ. 

ދެ ފައި ވަށްކޮށްލައިގެން އެނދުގައި އިށީނދެ އިނދެ ޒައިނާ ވިސްނަމުން ދިޔައެވެ. އޭނާގެ ޙަޔާތާއި މެދުގައެވެ. މަންމަ ދޫކޮށްފައި ބައްޕައާއެކު އަންނަން އޭނާ ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ބާވައެވެ؟ އެކަނިމާއެކަނި މިތަނުގައި އޭނާއަށް ދުވަސް ހޭދަކުރެވިދާނެއެވެ. އަމިއްލަ ގޭގައިވެސް އޭނާއަކީ އެކަނިވެރިއެކެވެ. ބައްޕަ ގޭގައި ހުންނަ ވަގުތު ހުސްކުރަނީ އޭނާއަށް ކަމަށްވާތީ އައްޑޫގައިވެސް އެކަން ހަމަ އެގޮތަށް އޮންނާނެކަމީ ޔަޤީން ކަމެކެވެ. ޔަޤީން ނުވާ ކަމަކީ މަންމަ އުޅޭނެ ގޮތެވެ. އެޢާއިލާގެ ގުޅުން އިތުރަށް ހީނަރުވެ، މަންމައާއި ބައްޕަ ވަކިވާކަށް ދުވަހަކުވެސް އޭނާ ނޭދޭނެއެވެ. އެކަމަކު ހަމަ އެ ހިތް ނުތަނަވަސް ވަނީއެވެ.

އައްޑޫ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ފުރަތަމަ ދުވަސްކަމުން މާ ބުރަ ތާވަލެއް ނެތި، މަސައްކަތްތައް ރޭވިފައިވާ ގޮތް ބަލައި، މާދަމާގެ ތާވަލު އެކުލަވައިލުމަށްފަހު އަޒީމް ބޭނުންވީ އަވަހަށް ގެޔަށް ދާށެވެ. އެހެންނަމަވެސް ނުކުތުމުގެ ކުރިން ބަލިމީހުންނަށް ޒިޔާރަތް ކުރުމަކީ އޭނާގެ އާދައަކަށްވާތީ، އެކަން ކުރުމަށް އަވަސްވެގަތެވެ. ވާރޑުގައި ތިބި ބަލިމީހުންގެ ކައިރިއަށް ގޮަސް، ޙާލު އަހާލައި ހެދީ ހިނިތުންވުމާއެކުގައެވެ. މުޅި ވާރޑުންވެސް ތަފާތު މީހެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. ބަލާބެލުމުންވެސް އެހަށިގަނޑުގައި އަޅާނެ ރިހުން ތަޞައްވަރު ކުރެވޭހާވެއެވެ. ގައިގެ އެތަން މިތާގައި ފޮތި އޮޅައި، ނިވާކޮށްފައިވާއިރު ހީވަނީ ވަރަށް ބޮޑަށް ފިހި، ޒަޙަމްވެފައި އޮތްހެނެވެ. ނަމަވެސް އެމޫނުމަތިން އުޖާލާކަން ފެންނަމުން ދިޔައެވެ. "ދަރިފުޅު އަންނާނެ މިހާރު! ޔަޤީން ނުވެސް ނިދާނެ. ވަރެއްގެ ކުއްޖެއް!" ހެވިފައި އޮވެ، އޭނާ އަޒީމްއަށް ބަލާލިއެވެ. އަޒީމްއަށް އޭނާގެ ޙަޔާތް ކުރިމަތިން ފެނުނު ކަހަލައެވެ. އެބަލިމީހާގެ މުޅި ހަށިގަނޑުން ޒަޙަމްތައް ފެންނަން ހުރި އިރުވެސް، ހިނިތުންވެފައި އެއޮތީ ދަރިޔެއްގެ ޙައްޤުގައެވެ. އެދަރިފުޅަކީ އޭނާގެ ނޭވާކަން ޔަޤީނެވެ. އަޒީމްގެ ހަށިގަނޑުގެ ބޭރުފުށުގައި ފާރުގަނޑެއް ފެންނަން ނެތަސް، އޭނާގެ ހިތަށް ލިބިފައިވާ ތަދާއި ވޭން ނުހަނު ބޮޑެވެ. ނަމަވެސް އެކަމަށް ފަރުވާލެއް ނެތި، ކުރިޔަށް ފިޔަވަޅު އަޅަނީ ދަރިފުޅު ދެކެވާ ލޯބިންނެވެ.

އައްޑޫގައި ހަފްތާއެއް ވޭތުވެގެންދިޔައިރު، ޒައިނާ އިނީ އެނބުރި މާލެ ނުގޮސް ވާނެނަމައޭ ހިތަށް އަރާފައެވެ. ހީކުރިވަރަށްވުރެ އެތަން ހިތްގައިމުވެފައި މަޖަލެވެ. އަސްލު މަޖަލީ ހައްވަ ދައިތައެވެ. އެއީ ބައްޕަގެ ކެއުމާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށް ހަވާލުވެ ހުރި މީހާއަށްވިޔަސް، ހައްވަ ދައިތައަކީ ޒައިނާގެ މުނިފޫހި ފިލުވައިދޭ ބައިވެރިޔާއަށްވެސްވަނީ ވެފައެވެ.އައްޑޫ ބަހުރުވައިން ވާހަކަ ދައްކާފައި ދެމީހުން ޖަހާލާ ހިނިގަނޑު މަގު ހިނގާ މީހުންނަށްވެސް އިވޭނެއެވެ. "ހައްވަ ދައިތަ ދާންވީއޭ އަޅުގަނޑާއެކުގައި މާލެއަށް! ގެ ހީވާނީ ހަމަ ފަޅު ތަނެއްހެން. ދެން އެކަނި އިނދެ ލަވަ ކިޔާފައި މަޖާ ކުރަނީ.. ހަހަ!" "އެހެން ކިހިނެއްދޯ ދާނީ! މިކޮޅުގައި ދިރިއުޅެން ފަށަމާ! ޒައިނާ އެކަނިތަ އުޅެނީ؟" ހައްވަ ދައިތަ ޒައިނާގެ ބޮލުގައި ފިރުމާލިއެވެ. "އުހްހް.. ލޯންގް ސްޓޯރީ.. ޝެރީން ދައްތަވެސް އަންނާނެ ހައްވަ ދައިތަ ގޮތަށް. އެކަމަކު ތިހާ މަޖަލެއް ނޫން އިނގޭ!" ގަސްދުގައި ޒައިނާ ވާހަކައިގެ މިސްރާބު ބަދަލުކޮށްލީއެވެ. ހައްވަ ދައިތަވެސް އިތުރަށް އެވާހަކައެއް ނުދައްކައެވެ.  

ދުވަސްތައް ހަލުވިކަމާއެކު ދާގޮތްވެސް ނޭނގެއެވެ. ޑިއުޓީގެ ވަގުތުތައް ބުރަކޮށް ދިޔަޔަސް، މަސައްކަތުގެ މާޙައުލު ހަލަބޮލިހެނެއް ހިޔެއް ނުވެއެވެ. އިރުއޮއްސުނު ވަގުތު އަޒީމް ހޮސްޕިޓަލުން ބޭރަށް ނުކުމެލީ ޤުދުރަތީ ރީތި މަންޒަރެއްގެ ހިތްގައިމުކަން ދެކިލުމަށެވެ. "ބަލަބަލަ! ތިކޮން ކަމެއް؟" އެކުގައި މަސައްކަތް ކުރާ ޑޮކްޓަރު، ސަލީމް އައިސް ސަމާސާ ކުރަން ފެށިއެވެ. "ހަމަ ވަގުތެއް ލިބޭއިރަށް ޤުދުރަތީ މަންޒަރޭ ކިޔާފައި ތީދޯ ކުރާކަމަކީ! އަންހެނުން މަތިން ހަނދާންވީމާ، އެތެރާގައި އިނދެގެންވެސް ގުޅާލެވޭނޭ!" ހެމުންހެމުން ސަލީމް ދިޔައެވެ. އަޒީމް ހިތަށް އެރިއެވެ. އޭނާ އައްޑޫއަށް އައިފަހުންވެސް ޒައިނަބުގެ ޚަބަރެއް ނުވެއެވެ. ގުޅިޔަކަސް ފޯނު ނުނަގާނެކަން މާކުރިންވެސް އެނގެއެވެ. އެކަމަކު ޒައިނާގެ ޙާލެއް ބަލައިލިއްޔާވާނީ ކީއްހެއްޔެވެ؟ ޒައިނަބާއިމެދު އިތުރަށް ވިސްނާކަށް އަޒީމް ބޭނުމެއް ނުވެއެވެ. އެހެނަަސް ފިރިޔެއްގެ ޙައިޞިއްޔަތުން އަނބިމީހާއަށް ދޭންޖެހޭ އެހީތެރިކަމާއި އަޅާލުން ދެވޭތޯ އޭނާ އަބަދުވެސް މަސައްކަތް ކުރާނެއެވެ. ޒައިނަބަށް އެއްވެސް އެއްޗަކަށް ދަތިނުވެ، ހެޔޮޙާލުގައި އުޅެވޭނެ މަގު އޭނާވާނީ ފަހިކޮށްދީފައެވެ. އުޅޭ ޙާލެއް ޔަޤީން ކުރެވޭނީ ވާހަކަ ދައްކަން ބޭނުންވާނަމަތާއެވެ! ޤަބޫލުކުރަން ބޭނުންނުވިޔަސް އެދެމީހުންގެ ޙަޔާތުގެ ދަތުރު އެކުގައި ކުރިޔަށް ގެންދެވެން ނެތްކަން އަޒީމްއަށް އިޙުޞާސް ކުރެވެއެވެ. ނަމަވެސް އޭނާ ވަކި ހަދާނީ ކިހިނެއް ހެއްޔެވެ؟ އެކުގައި އުޅެން ފެށި ދަތުރު، މިހާ ދުވަހުގެ މަސައްކަތާއި އުންމީދަށްފަހުވެސް ކާމިޔާބު ނުވާނެކަން އިޙުޞާސްވުމަކީ ހާދަހާ ވޭން ހުރި ކަމެކެވެ.

ފޮހެވޭހޭ ހިތުގެ ޒަޚަމާ، ޒަޚަމުން އުފެއްދި ލަކުނާ
ނުފިލާނެކަން ޔަޤީނޭ، ލޯބީގެ ސޫރަ މިބުނާ
އުންމީދު ގެއްލުނީމާ، ދިރުވޭހެ ރޫޙު ޖާނާ


(ނުނިމޭ)

ނޯޓް: މި ވާހަކައިގެ 3 ވަނަ ބައި ޝާއިއު ކުރެވޭނީ 2020 އޭޕްރީލް 23 ވާ ބުދަ ދުވަހުއެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ