މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: މިހިތުގެ މަލިކާ - 3

ޑިއުޓީ ނިންމާލާފައި ވަރުބަލި ގޮތަކަށް ގޮސް އައި.ސީ.ޔޫގެ ކުރިމަތިން ހުރަސްކުރި އަޒީމް ހުއްޓުނީ ކައިރީގައި ހުރި ގޮނޑިބަރީގައި އިން އަންހެން ކުއްޖާ ފެނިފައެވެ. ގިސްލާފައި ރޯއިރު ހީވަނީ މީހާ ބިނދިދާނެހެންނެވެ. އެކަނިމާއެކަނި އިން އެކުއްޖާގެ ކައިރިޔަށް އަޒީމް ދިޔައެވެ. "ހައި! ޔޫ އޯކޭ؟" ލަސްލަހުން އަޒީމް ސުވާލުކޮށްލިއެވެ. އިސްއުފުލާލި ގޮތަށް އަނެއްކާވެސް އެކުއްޖާ އިސްޖެހިއެވެ. ޖެހިގެން ހުރި ގޮނޑީގައި އަޒީމް އިށީނދެލީ ވެގެންއުޅޭ ގޮތެއް ބަލާފައި ނޫނީ ނުދާނަމޭ ހިތަށް އަރާފައެވެ.

އެގޮތުގައި ވަގުތުކޮޅެއް ހޭދަވިފަހުން އެކުއްޖާ އަޒީމްއަށް ބަލާލިއެވެ. "އަހަރެންގެ މަންމަ އަދި ރަނގަޅުވާނެ ދޯ!؟ އެމީހުން ބުނީ މަންމައަށް އޮތީ ދެން ކުޑަ ވަގުތުކޮޅެކޭ! އަހަރެން ކިހިނެއް ދެން ހަދާނީ؟ އަހަރެންވެސް.. މަންމަ ނެތިއްޔާ އަހަރެންވެސް ނުހުންނާނަން..!" ކުއްލިއަކަށް އެކުއްޖާ ގޮނޑިން ތެދުވިގޮތުން އަޒީމް ސިއްސައިގެން ދިޔައެވެ. އެއަތުގައި ހިފައިލީ ވިސްނައިދެމުންނެވެ. "ތިވިސްނެނީ އަދި ރަނގަޅަކަށް ނޫން! މިވަގުތު މަންމަ ބޭނުންވާނީ ތިއީ އެމަންމަގެ ހިތްވަރުގަދަ ދަރިޔަކަށްވާން. މަންމަ ދިން ތަރުބިއްޔަތާއި ލޯބި ތިކުއްޖާގެ ކިބައިން ފެންނަން. ތިގޮތަށް ދިޔައީމަ މަންމަގެ ފުރާނައަށް ލިބޭނީ ކޮން ހިތްހަމަޖެހުމެއް؟" އެކުއްޖާ މަޑުމަޑުން ގޮނޑީގައި އިށީނީ ބޮލުގައި ދެއަތް އަޅަމުންނެވެ. "މިއީ އަހަރެންގެ ސަބަބުން ވީގޮތް! އަހަރެން އެދުވަހު ކައްކަން ވަތްނަމަ މިއަދު މަންމަ އެޙާލުގައި ނޯންނާނެ. މުޅި ހަށިގަނޑު ފިހިފައި.." އަނެއްކާވެސް އޭނާ ރޯންފެށިއެވެ. އެވަގުތު އަޒީމްގެ ހަނދާނަށް އައީ ކުރިން ދުވަހު ވާރޑުން ބައްދަލުވި ބަލިމީހާއެވެ. މިއީ އޭނާގެ ދަރިފުޅުކަން ޔަޤީނެވެ. އަޒީމްގެ ހިތުގައި އެ އަންހެން ކުއްޖާއާއި މެދުގައި ހަމްދަރުދީ އުފެދުނެވެ. 

އައި.ސީ.ޔޫގެ ދޮރުން ނިކުތް ޑޮކްޓަރު ފެނި އަޒީމް އަވަސްއަވަހަށް ތެދުވިއެވެ."ސާރާ؟" ދުވެފައި އެއަންހެން ކުއްޖާ ޑޮކްޓަރުގެ ގާތަށް އައެވެ. ޑޮކްޓަރުގެ މޫނުމަތީގެ ކުލަވަރު ފެނިފައި އަޒީމްއަށް ހުރިހާ ކަމެއް އެނގިއްޖެއެވެ. އޭނާ ހުރީ ދެން ވާނެ ގޮތަކާއިމެދު ހުޝިޔާރު ވެގެނެވެ. "ވީ އާ ވެރީ ސޮރީ!" ސާރާގެ ރުއިމުގެ އަޑުން މުޅި ތަން ހަލަބޮލިކޮށްލިއެވެ. ނޫނެކޭ ކިޔަމުން މީހާ ތިރިވީ ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ. އެވަގުތު ޑޮކްޓަރު އަޒީމްގެ ކޮނޑުގައި ހިފައި ދުރަށް ދިޔުމަށް އިޝާރާތް ކުރިއެވެ. "ތިއީ ޑޮކްޓަރ، އަޒީމް ދެއްތޯ؟ ސާރާ ދަންނަންތޯ؟" ފަހަތަށް އެނބުރި ބަލާލާފައި ޑޮކްޓަރ ވާހަކަ ދެއްކިއެވެ. "ނޫން. ގެޔަށް ދަނިކޮށް ފެނިގެން މަޑުކޮށްލެވުނީ." އަޒީމް ހުރީ ނުތަނަވަސްވެފައެވެ. "ވަރަށް ބަދުނަސީބު ކުއްޖެއް! ތުއްތުއިރު ބައްޕަ ނިޔާވެއްޖެ. ދެން ހުރި ހަމައެކަނި މީހާ އެދިޔައީ. މުޅި ހޮަސްޕިޓަލަށްވެސް އިނގުންވި ކޭސްއެއް މިއީ. ޝީ އިޒް އޯލްރެޑީ އިން އަ ޝޮކް." ނިއްކުރީގައި ފިރުމާލަމުން ޑޮކްޓަރު އިސްޖަހައިލިއެވެ. "އައި ވިލް ޓްރައި ޓު ޓޯކް ޓު ހާ!" އަޒީމް ހިނިތުންވެލީ ސާބިތުކަމާއެކުގައެވެ.

އެންމެންގެ ފަރާތުންވެސް އެނގުނު ގޮތުގައި ސާރާއާއި އޭނާގެ މަންމައަކީ ވަރަށް އެކަނިވެރި ދިރިއުޅުމެއް އުޅެމުން އައި ދެމައިންނެވެ. ސާރާގެ މަންމަގެ އިތުރު ޢާއިލާގެ މެންބަރަކު ނެތްއިރު، ފިރިމީހާ ކުއްލިގޮތަކަށް ވަކިވެދިޔުމުން އެޢާއިލާއިންވެސް އޭނާއަށް ލިބުނީ ނަފުރަތެވެ. އެހެންވެ އުފަން ރަށަށް ދިރިއުޅުން ބަދަލު ކުރީ ސާރާގެ ޙައްޤުގައެވެ. އެހެނަސް މިއަދު އެ އަންހެން ކުއްޖާ އެވަނީ މުޅިން އެކަނިވެރިވެފައެވެ.  

ކާ މޭޒު ދޮށުގައި އިށީނދެގެން ޒައިނާ އިންއިރު، އެ ދެ ލޯވަނީ ނިދިން ފުރިފައެވެ. ނަމަވެސް ކެތްތެރިކަމާއެކު އެ އިންތިޒާރު ކުރަމުން ދަނީ ބައްޕަ އަންނާނެ އިރަކަށެވެ. ދޮރު ހުޅުވުނު އަޑާއެކު ޒައިނާ ތެދުވެ ފަހަތަށް ބަލައިލީ ފުޅާ ހިނިތުންވުނަކާއެކުގައެވެ. "ބައްޕަ އާދޭތޯ އަޅުގަނޑު އިނދެ އިނދެ..." ޒައިނާގެ އަނގަ ބަންދުވީ އަޒީމްގެ ކައިރީގައި ހުރި މީހާ ފެނުމުންނެވެ. "ދަރިފުޅު! އުމްމްމް.. މިއީ ސާރާ! ބައްޕަ ފަހުން ހުރިހާ ވާހަކައެއް ކިޔާ ދޭނަން. ދަރިފުޅު މިރޭ ސާރާ ގޮވައިގެން ދޭ ނިދަން އިނގޭ!" އަޒީމް ބެލީ ޒައިނާއަށް ކޮންމެވެސް ވަރަކަށް ވިސްނައިދެވޭތޯއެވެ. "ބައްޕަ! އޯކޭތަ؟" ޒައިނާ އަޒީމްގެ އަތުގައި ހިފަައިލުމުން އޭނާ ހިނިތުންވެލާފައި ބޯ ޖަހައިލިއެވެ. "ސާރާ! މިއީ ޒައިނާ.. ދެން ދޭ އެތެރެޔަށް. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އިންޝާ ﷲ." އޭރުވެސް ސާރާ އިނީ އިސްޖަހައިގެނެވެ.

ކޮޓަރިޔަށް ވަތްގޮތަށް ޒައިނާ އިނީ ކުރަންވީ ކީއްކަން ނޭނގިފައެވެ. ސާރާއަކީ ބައްޕަގެ ކާކުބާއޭވެސް ޒައިނާގެ ހިތަށް އެރިއެވެ. އަތުން ބޮލުގައި ޖަހައިލެވުނީ އެފަދަ ގޮތަކަށް ބައްޕައާއިމެދު ވިސްނުނީތީއެވެ. އެނދުގެ އެއްފަރާތުގައި އިށީނދެލައިގެން އިން ސާރާއަށް ޒައިނާ ފުން ނަޒަރަކުން ބަލައިލިއެވެ. ބަލާބެލުމަށް ފަންސަވީހަކަށް އަހަރުވެދާނެއެވެ. އެމޫނުމަތިން ފެންނަނީ މައުސޫމު ކަމެވެ. ގައިމުވެސް ވަރަށް ރޮއެފައި ހުރިކަން އެމޫނުން އެނގެއެވެ. 

"ހާއި! އަމް.. އޮށޯވެލަންވީނު. އިރުކޮޅަކުން ފަތިސް ނަމާދަށް ގޮވާފާނެ." ޒައިނާއަށްވުރެ ބޮޑު މީހަކަށްވުމުން ދައްކާނެ ވާހަކައެއް އޭނާއަށް ނޭނގުނީއެވެ. އެވަގުތު ސާރާ އިސްއުފުލާލާފައި ހިނިތުންވެލިއެވެ. "ޝުކުރިއްޔާ!" ޒައިނާވެސް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ޒައިނާ ގޮސް ސޯފާގައި އޮށޯވެލީ ނަމާދުކޮށްގެން ނޫނީ ނުނިދަންވެގެނެވެ. "ވާހަކައެއް ދައްކާލަން ބޭނުންވަންޏާ.. އައި އޭމް ހިޔަރ.." ސާރާއަށް ބަލައިލަމުން ޒައިނާ ބުންޏެވެ.

އެއްއަރިއަކަށް ބާލީހެއްގައި ލެގިލައިގެން ސާރާ އިނީ ފުން ވިސްނުމެއްގައެވެ. އޭނާގެ ދިރިއުޅުމުގެ މަޤުޞަދު ގެއްލިއްޖެއެވެ. އަމިއްލަ އަތުން މަންމަގެ މޫނު އަޅާފައި އެއައީ އޭނާގެ ދިރިއުޅުންވެސް ކަފުންކޮށްފައެވެ. ދެން ހަދަންވީ ކިހިނެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. ބާރަށް ހަޅޭލަވަން ބޭނުމެވެ. ގިސްލައި ރޯން ބޭނުމެވެ. ސިކުނޑި ފަޅައިގެންދާވަރަށެވެ. ނަމަވެސް އެ ދެ ކަންފަތުގައި މަންމަގެ އެންމެ ފަހު ބަސްތައް ހަރުލާފައި އެބަ ހުއްޓެވެ. "ތިއީ މަންމަގެ ފަޚުރު! މަންމަ ނެތް ދުވަހަކުންވެސް އެކަން އެގޮތުގައި ބާއްވަދޭތި! ވަރަށް ހިތްވަރުގަދަ ކުއްޖެއް މަންމަގެ ސާރާއަކީ. މާތް ﷲ އަޅަކަށް ދެރަ ގޮތެއް މެދުވެރިއެއް ނުކުރައްވާނެ. މަންމަ ނެތަސް ދަރިފުޅުގެ އަތުގައި ހިފާނެ ހެޔޮލަފާ މީހަކު ވާނެ." 

ނުފިލާނޭ ހިތުން ތިޔަ ކުލުނާ ރަޙުމް
ތިޔަ މާތްވީ އެ ޤުރުބާން ޔަޤީން
ވަޢުދޭ މީ މަގޭ މަންމާއޭ މަގޭ
ފަޚުރެއް ކަމުގައި ވާނަން ޔަގީން
 
މަންމަ އެބުނި މީހަކީ އަޒީމް ހެއްޔެވެ؟ ކުއްލިއަކަށް އައި، ނުވެސް ދަންނަ މީހެއްގެ އަތުގައި ހިފައިގެން އޭނާ މިއައީ މަންމަގެ އެބަސް ހަނދާންކޮށްގެން ހެއްޔެވެ؟ ނޫނެކެވެ. އޭނާއަށް އިތުރު ގޮތެއްވެސް ނެތީއެވެ. މަންމައަށް ކުރިމަތިވި އަލިފާނުގެ ހާދިސާގައި އެދެމައިންގެ ދިރިއުޅުންވެސް އަނދައި އަޅިޔަށްވެ ހިނގައްޖެއެވެ. މިއަދު އޭނާއަކީ މަންޒިލެއް ނެތި، ބިކަވެފައިވާ މީހެކެވެ.

އަޒީމް ޑިއުޓީއަށް ދިޔައީ ތެޅިފޮަޅެމުންނެވެ. އެއްވެސް ވަރަކަށް ނިދީގެ އަރާމެއް ނުލިބި އުޅެން ޖެހުމުން އޭނާގެ ބޮލުގައިވެސް ވަރަށް ގަދަޔަށް ރިހެއެވެ. ޒައިނާއަށް ހުރިހާ ވާހަކައެއް ކިޔައިދީފައި އަންނަން ބޭނުންވިޔަސް، އެހާ ހެނދުނާ ނުހޭލެވޭނެކަން އޭނާއަށް އެނގެއެވެ. އެހެންވެ މެސެޖަކުން ކުރުގޮތަކަށް ވީގޮތް ޒައިނާއަށް ބުނެދިނެވެ. 

ޒައިނާއަށް ހޭލެވުނުއިރު މެންދުރު ނަމާދަށްވެސް ގޮވައިފިއެވެ. އަވަސްއަވަހަށް ތެދުވިއިރު ކައިރީގައި އޮތް ސާރާ ފެނި، ރޭގެ ކަންތައްތައް ހަނދާންވިއެވެ. އޭނާ އަވަހަށް ތެދުވެގެން މަޑުމަޑުން ފާޚާނާއަށް ދިޔައީ ސާރާ ނިދީ ހެނދުނުވީ ފަހުންކަން އެނގޭތީއެވެ. ނަމާދުކޮށް ނިމިގެން އައިސް ފޯނު ހިފައިގެން ކާ ގެޔަށް ދިޔައިރުވެސް ސާރާ އޮތީ ފުން ނިންޖެއްގައެވެ. ބައްޕަގެ ދިގު މެސެޖު ފެނިފައި ބޭރު ޖޯލީގައި އިށީނދެލިއެވެ. އެމެސެޖު ކިޔައި ނިމުނުއިރު ޒައިނާގެ ހިތްވެސް ރޮއްވާލައިފިއެވެ. ސާރާއަށް ކުރާނެ އަސަރާއި ރޭގައި އެފަކީރު ވިސްނާނެވަރު އޭނާއަށް އަންދާޒާވެސް ކޮށްނުލެވޭނެކަން ޔަޤީނެވެ. ސާރާއާއިމެދު ފިކުރުކުރަން ޖޯލީގައި އޮއްވާ ސިއްސައިގެން ދިޔައީ ހައްވަ ދައިތަގެ އަޑަށެވެ.

"ބަލަ ސައިވެސް ނުބޯ ދުވަހެއްތަ؟ ބަލީ؟" ހައްވަ ދައިތަ އައިސް ޖެހިގެން ހުރި ޖޯލީގައި އިށީނެވެ. "އާން މީ. ރޭގަ އަޅުގަނޑު ވަރަށް ލަހުން ނިދީ. ދެން ސައި ބޯންވީ. ހައްވަ ދައިތާ. އިތުރު ކުއްޖެއްވެސް އެބަހުރި އިނގޭ!" "އާން! ބައްޕަ ކިޔައިދީފައި ދިޔައީ!" ޒައިނާއަށްވުރެ ކުރިން ހައްވަ ދައިތަ ބުންޏެވެ. "އެއީ ވަރަށް ރަނގަޅު ކުއްޖެއް! މާ ބޮޑެއްވެސް ނުވާނެ. ސައްބީސް އަހަރުވާނީ. ވަރަށް ހެޔޮލަފާ ކުއްޖެއް. ޒައިނާ ދަރިފުޅާވާނެ އެ ކުއްޖާއަށް ހެޔޮކޮށް ހިތަން. ނިކަމެތި ކުއްޖެއް އެއީ ވަރަށް. އަހަރެން އަޒީމްއަށް ފަށްފަށުން ޝުކުރުވެރިވަން އެ ކުއްޖާ އެޙާލުގައި ރަށުތެރެޔަށް ދޫކޮށް ނުލައި އެހީވީތީ!" ހައްވަ ދައިތަވެސް އިނީ ސާރާގެ ޙާލާއިމެދު ވިސްނައި ދެރަވެފައެވެ.

ހަވީރުވީއިރު ސާރާގެ ޙާލު ކޮންމެވެސް ވަރަކަށް ރަނގަޅެވެ. ހައްވަ ދައިތައާއި ޒައިނާގެ ހިތްވަރުގެ ބަސްތަކުން މަދު އެތިކޮޅެއް ނަމަވެސް ކެވުނެވެ. އެހެންނަމަވެސް ގަދަޔަށް ބޮލުގައި ރިއްސާތީ ޖޯލީގައި އޮށޯވެގެން އޮތީއެވެ. ޒައިނާވެސް އިތުރު ވާހަކައެއް ނުދެއްކީ ސާރާއަށް ވަގުތު ބޭނުންވާނެކަން އެނގޭތީއެވެ.

އަޒީމް ޑިއުޓީއިން އައިއިރު ގޭތެރޭގައިވަނީ ހަމަހިމޭން ކަމެވެ. ޒައިނާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހަން އަތް ނެގި ވަގުތު ދޮރު ހުޅުވާލާފައި ނުކުތީ ސާރާއެވެ. އަޒީމް ފެނުމުން އިސްޖަހައިލިއެވެ. "އަޅުގަނޑު ހުންނާނެ ކައްކާފައި!" އެއިން ގޮތަށް އިނދެ ސާރާ ބުންޏެވެ. "އެހެންތަ؟ ކިހިނެއް ޙާލު؟ ޒައިނާއާއި ދެމީހުން ކެއީތަ؟" އަޒީމް ވާހަކަ ދެއްކީ އޯގާތެރި ކަމާއެކުގައެވެ. އެވަގުތު ޒައިނާ އައިސް އަޒީމްގެ އަތުގައި ހިފިއެވެ. "ދެން މިހާރު ބައްޕަ މާލަހުން އަންނަނީ! އަޅުގަނޑު ދެން ސާރާ ދައްތައާ އެއްކޮށް ކާނީ ބައްޕަ ލަސްވަންޏާ!" ޒައިނާ ތުން އޫކޮށްލާފައި ބުނެލިއެވެ. އެމަންޒަރު ފެނި ސާރާގެ ތުންފަތަށްވެސް ހިނިތުންވުން ވެރިވިއެވެ.

ދުވަސް އެގޮތުގައި ފާއިތުވަމުންގޮސް މަސް ނިމެން ހަފްތާއަކަށްވީއިރު މޮޅިވެރިކަން ފެންނަނީ ޒައިނާގެ މޫނުމަތިން އެކަންޏެއް ނޫނެވެ. ޒައިނާ ފުރާ ދުވަސް ކައިރިވާވަރަކަށް އަޒީމްގެ އިތުރުން ސާރާވެސް އެކަމާ މާޔޫސްވާކަން ހާމަކުރަން ފެށިއެވެ. މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ޒައިނާއާއި ސާރާ ވެގެން ގޮސްފައިވަނީ ވަރަށް ގާތް ދެމިތުރުން ކަމުގައެވެ. އެކުގައި ތިބެ މަޖާކުރާއިރު ހީވަނީ މާކުރިން ދަންނަ ދެމީހުންހެނެވެ. އެމަންޒަރު ފެނުމުން އުފާވިޔަސް އަޒީމް ކަންބޮޑުވަނީ ޒައިނާ ފުރައިގެން ދިޔުމުން ސާރާއަށް ވާނެ ގޮތަކާއި މެދުގައެވެ.
 
"ބައްޕާ! އަޅުގަނޑު ގޮތެއް ނިންމައިފިން. އެކަމަކު ބައްޕަވާނެ އާނއެކޭ ބުނަން. އޭރުން އަޅުގަނޑު ބުނާނީވެސް މިވާހަކަ!" ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި ސާރާއާއެކު އުޅުުނު ޒައިނާއަށް އަޒީމް މޭޒުދޮށުގައި އިށީންތަން ފެނުމުން ވާހަކަ ފެށިއެވެ. "ތިދެން ހާދަ މޮޅު ގޮތެކޭ! އޯކޭ ދެން ތިވާހަކަ ފަށަމާ!" ޒައިނާ ކުރުނުކުރާނެކަން އެނގޭތީ އަޒީމް ބުންޏެވެ. "އަޅުގަނޑު މާލެ ދާނީ ސާރާ ދައްތަ ގޮވައިގެން! ދެން ޝެރީން ދައްތަ ބޭނުމެއް ނުވާނެ. ސާރާ ދައްތަ އިޒް ދަ ބެސްޓް. އޭރުން ޝީ އޯލްސޯ ކޭން ހޭވް އަ ލައިފް! މިތާގައި ފޫހިވާނީ ޒައިނާ ކަހަލަ މަޖާ ކުއްޖެއް ނެތީމަ!" ފަޚުރުވެރިވެލަމުން ޒައިނާ ބުންޏެވެ. އަޒީމްއަށް ބަލަައިލެވުނީ ސާރާގެ މޫނަށެވެ. އެމޫނުމަތީގައިވަނީ ހައިރާން ކަމެވެ. "ބައްޕަ އެއްޗެއް ބުނެބަލަ!" ޒައިނާ އައިސް އަޒީމްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. "މްމްމް.. އެހަށް ހިނގާ ދޯ ސައި ބޯން! ބައްޕަ ވިސްނާނަން ތިކަމާ! އެހެންނޫނަސް ސާރާވެސް ގަބޫލުވާ ގޮތަކަށްދޯ ކަންތައް ކުރެވޭނީ! އަދި ހަމަ ޒައިނާގެ ޑްރީމް ލޭންޑްގައި އުޅުނަކަސް ނުވާނޭ!" އަޒީމް ޒައިނާގެ ކޮލުގައި ހިފައިލިއެވެ. 

(ނުނިމޭ)

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ